ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އަބަދުވެސް މީހުން ގަނެލައިގެން އުޅުއްވާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރުންނަށް ދެއްވަން ރައީސް މުއިއްޒު ފައިސާ ހޯއްދަވާ ގޮތް ވަރަށް އަވަހަށް ރައްޔިތުންނާ ހަމައަށް ތިލަވާނެ ވާހަކަ ރައްޓެސަކު ބުނެފައިވާ ކަމަށާއި އެ ފައިސާ ނުލިބޭ ޕީއެންސީގެ މަޖިލިސް މެމްބަރުންތަކެއް ވެސް ތިބިއިރު އެ މެމްބަރުން ތިބީ ތުން ފިއްތައިގެން ކަމަށެވެ.
ރައީސް މުއިއްޒަކީ އަބަދުވެސް މީހުން ގަނެލައިގެން އުޅުއްވާ ބޭފުޅެއް ކަމަށާއި އެގޮތުން އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ޕީޕީއެމް/ޕީއެންސީގެ ގިނަ ސެނެޓް މެމްބަރުންނަށް ވެސް ތިބީ ސިޓީ ކައުންސިލުން ވަޒީފާ ދީފައި ކަމަށް ޔާމީން ވިދާޅުވި އެވެ.
"ހުރިހާ މެމްބަރުން މިތިބެނީ ގަނެލާފައި. މުއިއްޒަށް އެނގިވަޑައިގަންނަވަނީ އެގޮތަށޭ އެކަން ކުރަން. ޕީޕީއެމް/ޕީއެންސީގެ ސެނެޓުގައި ވެސް ހަމަ ގިނަ ސެނެޓަރުން ތިބީ މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ސިޓީ ކައުންސިލުން ވަޒީފާ ދީފައި. ދެން އެމީހުންގެ ވޯޓު މުއިއްޒު ނޫން މީހަކަށް ނުލާނެ ދެއްތޯ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ ވަރަށް އަދުލުވެރި ބޭފުޅެއް ކަމަށް ކުރިން ހީފުޅުކުރެއްވި ކަމަށާއި ނަމަވެސް ހުރިހާ ކަމެއް ކުރައްވަނީ ކުރިން ހީފުޅުކުރެއްވި ގޮތާއި ހިލާފަށް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ދައްކާ ވާހަކަ އާއި އަމަލާއި ދިމާނުވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން މިހެން ވިދާޅުވި އިރު ރައީސް މުއިއްޒު ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ފައިސާދޭ ވާހަކަތައް ސަރުކާރުން ވަނީ ތަކުރާރުކޮށް ދޮގުކޮށްފަ އެވެ.