ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރުމަށް ޖުޑިޝަރީ ކޮމިޓީން ރުހުންދީފައިވާ އައްބާސް ޝަރީފް، ރައްޔިތުންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަންކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވާ މައްސަލައިގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން މެންބަރު އަނާރާ ވިދާޅުވީ ކޮމިޓީގައި އައްބާސް ޝަރީފާއި ވަރަށް މުހިންމު ދެ ދާއިރާއަކާއި ގުޅޭގޮތުން ސުވާލު ކޮށްފައިވާކަމަށެވެ. އެއްކަމަކީ ޝަރީއަތް ނިމެންދެން ބަންދުގައި މީހުން ތިބެންޖެހޭ މައްސަލަކަމަށާއި، އެކަމުގައި އެ މުއްދަތު އަވަސް ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ރަނގަޅު ތަސައްވުރެއް އައްބާސް ޝަރީފްގެ ހުރިކަމަށް އަނާރާ ވިދާޅުވިއެވެ. ޝަރީއަތުގައި އޮންނަ މައްސަލަތައް އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އަނާރާ ވިދާޅުވިއެވެ.
މީގެއިތުރުން ދައުވާ އުފުލުމުގައި ހަމަހަމަކަމާއި އިންސާފު ގާއިމު ކުރުމަކީވެސް މުހިންމު ކަމެއްކަން ފާހަގަކޮށް އަނާރާ ވިދާޅުވީ ސިޔާސީ ދައުވާތަކެއް ކުރާ ކަމަށް މީގެކުރިން ރައްޔިތުންގެ ފަރާތުން އިވޭކަމަށެވެ. އަދި އެފަދަ އެއްވެސް އަޑެއް މުސްތަގުބަލުގައި އިވުމަށް ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ޔަގީންކުރަން އަދުގެ ސަރުކާރުންވެސް މިހާރު އަދުލުއިންސާފުގެ ދާއިރާ ފުރިހަމަ ކުރުމަށް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާއިރު، އަލަށް އައްޔަނު ކުރެވޭ ޕީޖީގެ ފަރާތުންވެސް ރައްޔިތުންނަށް ހަމަހަމަކަމާ އިންސާފު ހޯދަދިނުމަށް މަސައްކަތް ކުރާނެކަމަށް ޔަގީންކުރަން." އަނާރާ ވިދާޅުވިއެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ޕީޖީގެ މަގާމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވީ އައްބާސްގެ ނަން އެކަންޏެވެ. އައްބާސްގެ ނަން ޖުޑިޝަރީ ކޮމިޓީން ފާސްކުރިއިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްބާސް މަގާމަށް އައްޔަނު ކުރުމަށް ވޯޓަށް އަހާނެއެވެ.