އައްޑޫގައި އިންޓަނޭޝަނަލް ސީފުޑް ހަބެއް ތަރައްގީކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އައްޑޫގައި ބޮޑު ބިމެއް ހިއްކައިގެން ފްރީ ޒޯނެއް ތަރައްގީކުރުމުގެ ތަޞައްވުރެއް އެ ކުންފުނިން ގެންގުޅޭ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ ސީފުޑް ހަބެއް ގާއިމުކުރަން ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސީފުޑް ސަޕްލައި ކުރުމަށް ބޭރު ގައުމުތަކުން އިމްޕޯޓްކުރާ މިންވަރު މަދު ކުރެވޭނެ އެވެ. އަދި މިއީ ވަރަށް ބޮޑު ވިޔަފާރިއަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
“މަސައްކަތް މި ކުރަނީ އައްޑޫ އޭރިއާގައި ފްރީ ޒޯން ހަދައިގެން އިންޓަނޭޝަނަލް ސީފުޑް ހަބެއް ހެދުން،" އޭނަ ވިދާޅުވި އެވެ. "އޭރުން ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސީފުޑު ލިބޭނެ ރާއްޖެއިން، އިމްޕޯޓުކުރާކަށް ނުޖެހޭނެ. ޑޮލޮރު ލިބުން ވެސް ފަސޭހަ ކަމަކަށް ވާނެ."
ވަޖީހު ވިދާޅުވި ގޮތުގައި އައްޑޫގައި ރޯ-ރޯ ޓާމިނަލެއް އެޅުމަށް ވެސް އެމްޕީއެލްގެ ވިސްނުމުގައި އެބައޮތެވެ. އެގޮތުން އެތަނުގައި ވެހިކަލްތައް އެސެމްބްލްކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވޭނެ ރޭވިފައިވާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެހިކަލްތަކަށް އަމާޒުކޮށްގެން ދުނިޔޭގެ މާކެޓަށް ވަދެގެން، ކޮންމެވެސް އެއް ބަޔަކު މިތަނަށް ގެނެސްގެން، މި ދެންނެވި ގޮތަށް ރާއްޖޭގައި އެކަންކޮށްގެން އެކްސްޕޯޓް ކުރާނަން." އޭނަ ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ އެމްޕީއެލްގެ މިފަދަ މަޝްރޫޢުތަކަކީ ރާއްޖޭގެ އިގުތިޞާދަށް އާ ދޮރުތަކެއް ހުޅުވައިދޭނެ ކަންކަމެވެ. އެހެންވެ އާ ވިސްނުންތަކާއެކު ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.