އެއްވެސް ޕްރޮސިކިއުޓާ ޖެނެރަލަކަށް އެ ބޭފުޅެއްގެ ދައުރު ފުރިހަމަ ކުރެވިފައި ނުވާ ކަމަށާއި، ސަރުކާރުތަކުގެ އިތުބާރު ޕްރޮސިކިއުޓާ ޖެނެރަލަށް އޮންނަންޖެހޭ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަންކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވާ މައްސަލައިގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
މި ބަހުސްގައި ވާހަކަ ދައްކަވަމުން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެއްވެސް ޕްރޮސިކިއުޓާ ޖެނެރަލަކު އެބޭފުޅެއްގެ ދައުރު ފުރިހަމަ ކޮށްފައިނުވާ ކަމަށެވެ. ޕްރޮސިކިއުޓާ ޖެނެރަލް އައްޔަންކުރާނީ ފަސް އަހަރު ދުވަހުގެ އެއް ދައުރަށެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ ޤާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ފަސް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އޭނާގެ މަޤާމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ޤާނޫނުއަސާސީގައި ބުނެފައިވެއެވެ.
އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލުންނަށް ދައުރު ފުރިހަމަ ކުރެވިފައިނުވަނީ ސަރުކާރުތަކުގެ މައްސަލައަކުން ކަމަށާއި، އެ ސަރުކާރަކުން ބޭނުންވާހާގޮތަށް ކަންކަން ނުކުރުމުން ގޯސްވަނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށެވެ. އެއްވެސް ޕްރޮސިކިއުޓާ ޖެނެރަލެއް މަގާމުގައި ހުންނަވައިގެން ސަރުކާރަކަށް ޖެއްސުން ކުރުމަށް ކަމެއް ނުކުރާނެ ކަމަށާއި، އެކަން ގަބޫލު ކުރެވިގެން ނޫނީ އެއްވެސް ޕްރޮސިކިއުޓާ ޖެނެރަލަކަށް އެބޭފުޅެއްގެ ދައުރު ފުރިހަމަ ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޝަރުއީ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ސަރުކާރުތަކުގެ އިތުބާރު ޕްރޮސިކިއުޓާ ޖެނެރަލްގެ މައްޗަށް އޮތުން. އެ އިތުބާރު ގެއްލިފައިވަނީ ހުރިހާ ޕްރޮސިކިއުޓާ ޖެނެރަލުންނަށްވެސް، މިއީ ވަކި ސަރުކާރެއްގެ ވާހަކައެއްނޫން މިދެންނެވީ." އަބްދުއްޣަފޫރު މޫސާ ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ސަރުކާރުގެ އިތުބާރު ޕްރޮސިކިއުޓާ ޖެނެރަލަށް ނެތިއްޖެނަމަ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ނޯންނާނެ ކަމަށެވެ.
އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ހުސްވެފައިވާ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފަށް ވެސް އިތުބާރު އެބައޮތް ކަމަށާއި ވަކި ފަރާތަކަށް ނުޖެހި އެހެން ޕްރޮސިކިއުޓަ ޖެނެރަލުންނެކޭ އެއްގޮތަށް އެބޭފުޅާވެސް ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ޝައްކު ނުކުރާ ކަމަށެވެ.