ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމް ސިންގަޕޫރުގައި ހުންނަވަނިކޮށް އެމަނިކުފާނާ އެކު ފޮޓޯއެއް ނެގި މައްސަލާގައި މާލެ ސިޓީގެ ކައުންސިލް މެންބަރ ޒައިދުލް އަމީން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކައުންސިލް މެންބަރުކަމުން ވަކިކޮށްފިއެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މާލެ ސިޓީގެ ކައުންސިލް މެންބަރެއް ކަމަށްވާ ޒައިދުލް އަމީން، ޕީޕީއެމްގެ ކައުންސިލުން ވަކިކޮށްފައި އެޕާޓީގެ ސުލޫކީ ކޮމިޓީން ނިންމައިގެން ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޕީޕީއެމްގެ ކައުންސިލުން ޒައިދުލް އަމީން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމި ސަބަބެއް ކަމަށް ވަނީ "ރައީސުލް ޖުމްހޫރިއްޔާ މަރާލަން ހަތިޔާރު ގެންގުޅުނު މީހަކާ ގުޅުން ބާއްވައިގެން" ކަމަށް ބުނެއެވެ. މީގެ އިތުރުން ދުއްވާ އެއްޗިއްސަށް ނުވަދެވޭނެހެން މާލޭގެ ބައެއް މަގުތައް ބަންދު ކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން އެ ނިންމެވުމާއި ދެކޮޅަށް ޒައިދުލް އަމީން ވާހަކަ ދެއްކެވި މައްސަލަ ވެސް ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އިން ބަލާފައިވާ ކަމަށް ވެއެވެ.
ކައުންސިލް މެންބަރ ވިދާޅުވިގޮތުގައި އެޕާޓީގެ ކައުންސިލުން ޒައިދުލް އަމީން ވަކިކުރަން އެޕާޓީގެ ސުލޫކީ ކޮމިޓީން ވަކިކުރަން ނިންމި ނިންމުން އިސްތިއުނާފް ނުކުރެވޭނެ މައްސަލައެއް ކަމަށް އެންގި ނަމަވެސް ޒައިދުލް އަމީން ވަނީ އޭނާ ވަކިކުރި މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅާފައެވެ.
ކާނަލް ނާޒިމާއެކު ފޮޓޯއެއް ނެގުމުގެ ސަބަބުން ޕީޕީއެމްގެ ކައުންސިލުން ޒަައިދުލް އަމީން ވަކިކޮށްފައިވާ އިރު، އެޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވެސް އެ ފޮޓޯއިން ފެނެއެވެ. ނަމަވެސް އޭނާއާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޕާޓީން އަޅާފައި ނުވާ ކަމަށް އެނގިފައި ވެއެވެ.