ސަރުކާރުގެ ފަރާތުން ކުންފުނީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކުންފުނީގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުއެވެ.
މަޖިލީހުން މި އިސްލާހު ފާސްކޮށްފައިވަނީ މިއަދުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވި 85 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
އިއްޔެ ކުރިއަށްގެންދިޔަ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަހަޅާ، ބަހުސްކޮށް ކޮމިޓީއަށް ފޮނުވާފައިވެއެވެ. އަދި އިއްޔެ ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި މި އިސްލާހު ވަނީ ފާސްކޮށްފައެވެ. އަދި މިއަދު ކުރިއަށްގެންދިޔަ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާއަށް ކޮމިޓީ ރިޕޯޓް ހުށަހަޅާފައިވެއެވެ.
ކުންފުނީގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ކުންފުންޏެއްގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކަށް ބައެއް ބަދަލުގެނައުމެވެ.
މި އިސްލާހުތަކުގައި ބުނެފައިވަނީ ކުންފުނީގެ ހާއްސަ ޢާންމު ޖަލްސާއެއް ބާއްވަން މެންބަރުން އެދެފިނަމަ އެކަމަށް އެދި ނޯޓިސް ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާގެ ދައުވަތު ދޭންވާނެ ކަމަށާއި އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންވާނެ ކަމަށެވެ. ޤާނޫނުގައި މިހާރު އޮންނަނީ ނޯޓިސް ލިބޭތާ 3 މަސް ތެރޭގައި ޖަލްސާ ބޭއްވުމަށެވެ.
މީގެއިތުރުން ކުންފުނީގެ ޑިރެކްޓަރުން އަދި މެނޭޖިން ޑިރެކްޓަރެއް ނެތްނަމަ ނުވަތަ އެކަން ރަޖިސްޓްރާގެ ސަމާލުކަމަށް އެއްވެސް ފަރާތަކުން ގެނެސްފިނަމަ ޑިރެކްޓަރުން އަދި މެނޭޖިން ޑިރެކްޓުން އައްޔަނު ކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އަދި އެގޮތަށް އެންގުމުން 10 ދުވަހުގެ ތެރޭގައި ކުންފުންޏަށް ބޭނުންވާވަރަށް ޑިރެކްޓަރުން އަދި މެނޭޖިޮން ޑިރެކްޓަރު އައްޔަނުކޮށް އެކަން ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.