އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ކިޔާފައިވާ އާ ލަވަ މިއަދު އާންމުކޮށްފި އެވެ.
މި ލަވަ އަކީ އަންނަ މަހުގެ 11 އަށް ތާވަލުކޮށްފައި އޮތް އޭނަގެ އެކްޝަން ތުރިލާ "ޖިގްރާ" އަށް ކިޔާފައިވާ ޕްރޮމޯޝަނަލް ލަވައެކެވެ. މަންޕްރީތު ސިންގް މިއުޒިކް ހަދާފައިވާ އަދި "ޗަލް ކުޅިޔޭ" ގެ ނަން ދީފައިވާ މި ލަވަ ކިޔާފައި ވަނީ އާލިއާ އާއި ޕަންޖާބީ އެކްޓަރު/ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސަންޖެވެ.
އާލިއާ އާއި ދިލްޖީތު މުހިއްމި ރޯލުތަކެއް ކުޅުނު 2016 ގައި ފިލްމު "އުޅުތާ ޕަންޖާބް" އަށް ވެސް ދެ މީހުން އެކީގައި ލަވައެއް ކިޔާފައިވާ އެވެ. އާލިއާ އަކީ އޭނަގެ 2014 ގެ "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އަށް ވެސް ލަވައެއް ކިޔާފައިވާ ފަންނާނެކެވެ.
"ޗަލް ކުޅިޔޭ" މިއަދު ވީޑިއޯއާ އެކީ އާންމުންނަށް ދޫކޮށްލި އިރު، "ޖިގްރާ" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. މި ފިލްމަކީ އާލިއާގެ ފިލްމު ކުންފުނި އިޓާނަލް ސަންޝައިން އާއި އޭނަގެ މެންޓޯ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އިތުރުން ވަޔަޔޮމް 18 ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
"ޖިގްރާ" ގެ ޑައިރެކްޓަރަކީ ވަސަން ބާލާ އެވެ. މި ފިލްމަކީ ފިރިހެން ކޮއްކޮއަކު ސަލާމަތްކުރަން ދައްތައަކު ކުރިމަތިލާ ނުރައްކާތެރި ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. ފިލްމުގައި އާލިއާގެ ކޮއްލޮ ރޯލު ކުޅުނީ މިދިޔަ އަހަރުގެ "ދި އާޗީސް" އިން ތައާރަފުވި ޒުވާން އެކްޓަރު ވެދާންގް ރައިނާ އެވެ.