ޗައިނާއާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ޗައިނާއާ އެކު ރުފިޔާ އިން ވިޔަފާރިކުރެވޭ އެއްބަސްވުމާއެކު، މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާއި އެގޮތުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 ޕަސަންޓު ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށެވެ.
"ހޯލްސޭލްކޮށް ޗައިނާއިން މުދާ އެތެރެކުރާ ފަރާތްތަކަށް ދަންނަވަން ބޭނުންވަނީ އެކެއް ޖަނަވަރީ 2025 އިން ފެށިގެން ޗައިނާއިން އެތެރެކުރާ މުދަލުގެ 91 އިންސައްތައަށް ޑިއުޓީއެއް ދައްކަންނުޖެހޭނެ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 ޕަސަންޓު ބާވަތުން ޑިއުޓީ ދައްކަން ނުޖެހުމުން އެގައުމުން ރާއްޖެ ގެންނަ މުދާތައް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ބާޒާރުތަކާއެކީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކަށް ވަނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށާއި ޗައިނާއާއެކު ހެދިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގެ އެކްސްޕޯޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މަހުގެ ބާވަތްތަކުން، ސުން ޕަސަންޓު ޑިއުޓީގައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރު އެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބުނު ނަމަވެސް 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖައްސާލާފަ އެވެ.