Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

އަނެއްކާ ވެސް މަގުހަދަން ގެންގުޅޭ ވެހިކަލްތައް އައްޑޫ އިން ގެންދަނީ

އައްޑޫގެ މަގުތައް ހަދަން ބޭނުންކުރާ ވެހިކަލްތައް ބާޖަށް ބަރުކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ކިޔުންތެރިއެއް

އައްޑޫ ސިޓީގެ މަގުތައް ހަދަން ގެންގުޅޭ ބައެއް ވެހިކަލްތައް 4 ރަށެއްގެ މަގު ހެދުމުގެ މަޝްރޫއުތަކުގައި ބޭނުން ކުރުމަށް ކަމަށް ބުނެ އައްޑޫ އިން ބޭރުކުރުމުގެ މަސައްކަތް އެމްއާރްޑީސީގެ ފަރާތުން ކުރަމުން އެބަގެންދެއެވެ.

އައްޑޫގެ މަގުތަކުގައި ތާރު އެޅުމަށް ބޭނުންކުރާ ތާރު އަޅާ މެޝިންގެ އިތުރުން އެހެނިހެން ބައެއް ވެހިކަލްތައް "މާރިއާ 3" ކިޔާ ބާޖަކަށް ބަރުކޮށްފައިވާއިރު މީގެ ކުރިން ވެސް އައްޑޫގެ މަގުތައް ހަދަން ގެންގުޅޭ ވެހިކަލްތަކެއް ވަނީ ގއ.ވިލިނގިލީގެ މަގުތައް މަރާމާތު ކުރުމަށް ކަމަށް ބުނެ ގެންގޮސްފައެވެ.

އެ ވެހިކަލްތައް ގެންދިޔަތާ 10 ވަރަކަށް މަސް ވެފައިވާއިރު އަދިވެސް އޭގެ ތެރެއިން ބައެއް ވެހިކަލްތައް އައްޑޫއަށް އަނބުރާ ގެނެސްފައެއް ނުވެއެވެ.

އައްޑޫގެ މަގުތައް ހަދަން ބޭނުންކުރާ ވެހިކަލްތައް ބާޖަށް ބަރުކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ކިޔުންތެރިއެއް
އައްޑޫގެ މަގުތައް ހަދަން ބޭނުންކުރާ ވެހިކަލްތައް ބާޖަށް ބަރުކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ކިޔުންތެރިއެއް

އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ބޭއްވި ސާކް ސަމިޓާއި ދިމާކޮށް މަގުތައް މަރާމާތު ކުރުމަށް ގެނައި ވެހިކަލްތައް އައްޑޫ އިން ގެންދަނީ، ދ.ކުޑަހުވަދޫ، ގއ. ވިލނގަލި، ތ.ވިލުފުށި އަދި ލ. ފޮނަދޫގެ މަގުތައް ހެދުމުގެ މަސައްކަތަށެވެ.

އައްޑޫގެ މަގުތައް އެމްއާރްޑީސީގެ ފަރާތުން މަރާމާތު ކުރަމުން ނުގެންދާތީ އެކަމާއި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށް މަގުތައް މަރާމާތު ކުރަން ގެންގުޅޭ ގިނަ އަދަދެއްގެ ވެހިކަލްތަކެއް އައްޑޫ އިން ބޭރަށް ގެންދަން ނިންމާފައިވާތީ އެކަމާއި ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވާލުމަށް އެމްއާރްޑީސީގެ އައްޑޫ އެޑްމިނިސްޓްރޭޓިވް މެނޭޖަރު އިބްރާހީމް ރަޝީދު ވަޖުދީ އަށް ގުޅަން މަސައްކަތް ކުރި ނަމަވެސް އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ގުޅޭގޮތް ނުވެފައެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް އައްޑޫލައިވް އާއި ވާހަކަދެއްކި އެމްއާރްޑީސީގެ މުވައްޒަފަކު ބުނިގޮތުގައި ވެހިކަލްތައް އައްޑޫ އިން ގެންދަނީ އެމްއާރްޑީސީގެ ހެޑް އޮފީހުން އަންގައިގެން ކަމަށާއި މީގެ ކުރިން ވެސް އެފަދަ އެންގުންތަކާއި ގުޅިގެން ބައެއް ވެހިކަލްތައް އެކި ރަށްތަކަށް ފޮނުވާފައިވާ ކަމަށެވެ.

" ތާރު އަޅާ މެޝިން ވެސް މައްސަލަ ޖެހިގެން މަރާމާތު ކޮށް ނިމުނު ތަނާ ރަށުން ބޭރަށް މި ފޮނުވާލަނީ. ދެން ކިތަންމެ ޝަކުވާއެއް މަގު ނެހެދިގެން ކުރިޔަސް ކުރާނެ ކަމެއް ނޯންނާނެ. " އޭނާ ބުންޏެވެ.

2011 ވަނަ އަހަރުގެ ސާކް ސަމިޓަށް އައްޑު އަށް ގެނައި ގިނަ އަދަދެއްގެ ވެހިކަލްތަކާއި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ ބޭނުންތަކަށް ގެންގޮސްފައި ހުރި ވަރަށް ގިނަ ތަކެތި މީގެ ކުރިން ވެސް މާލެ އަށާއި ބައެއް އަތޮޅުތަކަށް ވަނީ ގެންގޮސްފައެވެ.