ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދަޢުވަތަކަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
ޕީއެންސީން ބުނީ މިއީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ކަމަށެވެ.
އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތް ކުރާނެ ކަމަށާއި އެ ޒިޔާރަތުގެ ތެރޭގައި އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތައް ކުރިއެރި ގޮތުގެ ތަޖުރިބާތައް ބެއްލެވުމަށް އެކި ތަންތަނަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާ ކަމަށްވެސް ޕީއެންސީން ބުނެ އެވެ.
އޭގެ އިތުރަށް މި ދަތުރުފުޅުގައި ކޮންގްރެސްގެ ވަފުދުން ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގެ މަޤުޞަދަކީ ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ހަލުއި އިޤުތިޞާދީ ކުރިއެރުން ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާކުރުން ކަމަށް ޕީއެންސީން މައުލޫމާތުދެ އެވެ.