ކަރީނާ ކަޕޫރާ އެކީ ޑައިރެކްޓަރު މެގްނާ ގުލްޒާރު ހަދަން ނިންމާފައިވާ ފިލްމު "ދާއިރާ" ގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ކާސްޓްގައި އަޔޫޝްމަން ކްރާނާ ވެސް ހިމެނޭ ކަމަށް ބެލެވޭ ފިލްމުގައި ކަރީނާ ކުޅޭނީ ފުލުހެއްގެ ރޯލު ކަމަށެވެ. މި ފިލްމު ވާނީ މެގްނާއާ އެކީ އޭނަ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ.
ޖަނގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ "ދާއިރާ" އަކީ ހައިދަރުއާބާދުގައި ހިންގި ރޭޕްގެ ހާދިސާއެއްގައި ޝާމިލުވާ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުން އެ މީހުން މަރައިލި ކަމަށް ތުހުމަތުކުރާ މައްސަލަގަނޑަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ.
ކުރީގެ މަޝްހޫރު ބަތަލާ ރާކީ އާއި މަޝްހޫރު ޅެންވެރިޔާ ގުލްޒާރުގެ ދަރިފުޅު މެގްނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވިކީ ކޯޝަލާ އެކީ ގެނެސްދިން ބައޮގްރަފިކަލް ހަނގުރާމަ ފިލްމު "ސޭމް ބަހާދޫރު" އެވެ. އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ދީޕިކާ ޕަދްކޯންގެ "ޗަޕާކް" އާއި އާލިއާ ބަޓްގެ "ރާޒީ" ގެ އިތުރުން ކުރީގެ އެކްޓަރު އިރުފާން ޚާންގެ "ތަލްވާރު" ހިމެނެ އެވެ.
އާންމުކޮށް ވަރަށް ސީރިއަސް ތީމްތަކަށް ފިލްމުތައް ހަދާ މެގްނާ ޑައިރެކްޝަނަށް ނުކުތީ 2002 ގެ ލޯބީގެ ފިލްމު "ފިލްހާލް" އިންނެވެ.
އޭނަގެ އާ ފިލްމު ކަރީނާއާ އެކީ ހަދަން ތައްޔާރީތައްވަމުން އަންނަ އިރު، އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ކްރައިމް ތުރިލާ "ދަ ބަކިމްހަމް މާޑާސް" އެވެ. ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބެމުން ނުދާ ފިލްމަކީ ހެންސަލް މެހެތާ ޑައިރެކްޝަނެކެވެ.
"ދަ ބަކިންހަމް މާޑާސް" އަކީ މި އަހަރު ރިލީޒްވި ކަރީނާގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ މާޗްގައި ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބުނު ހެއިސް ކޮމެޓީ "ކްރޫ" އެެވެ.