2020 ވަނަ އަހަރު ޖުމްހޫރީ ޕާޓީއަށް މީހަކު ވެއްދުމަށް، ސައްހަ ނޫން ފިންގަޕްރިންޓެއް ޖަހައިގެން އިލެކްޝަންސް ކޮމިޝަނަށް ފޯމެއް ހުށަހެޅި ކަމަށް ބުނާ މައްސަލައިގައި ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ނ. ވެލިދޫއަށް ނިސްބަތްވާ މީހެއްގެ މައްޗަށެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މީނާގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ. މި ދައުވާގައި ބުނެފައިވަނީ 2020 ޖަނަވަރީ 14 ވަނަ ދުވަހު ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފޯމުގައި އެމީހާގެ ނަމުގައި މީނާ ސޮއިކޮށް އެ ފޯމުގައި މީނާ ފިންގަޕްރިންޓް ޖަހާފައިވާ ކަމަށެވެ.
މި ދައުވާ ލިބުނު މީހާ ކޯޓުގައި ވަނީ މިކަމަށް އިންކާރުކޮށް ބުނެފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް އުފައްދާފައި ނުވާނެ ކަމަށާއި މިކަމަކީ ވަރަށް ބޮޑު އޮޅުމެއްގެ ތެރެއިން ހިނގާފައި އޮތް ކަމެއް ކަމަށެވެ. އަދި މިއީ ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ނިޔަތުގައި ކޮށްފައިވާ އޮތް ކަމެއް ނޫންކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން މީނާ ކޯޓުގައި ބުނެފައިވަނީ، ޖުމްހޫރީ ޕާޓީއަށް ވަނުމަށް އެދި މީނާ ފޯމު ފުރިއިރު ފޯމުގައި ސޮއިކޮށް ފިންގަޕްރިންޓް ޖެހިނަމަވެސް ފޯމުގައި މައުލޫމާތު ފުރިހަމަ ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފޯމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ ފަރާތްތަކުން އެދިގެން އިތުރު ފޯމެއްގައި ފިންގަޕްރިންޓް ޖެހިކަމަށެވެ.
މި މައްސަލައިގައި ސުވާލު އުފެދިފައިވާ ފޯމުގެ އިތުރުން މީނާގެ ނަމުގައިވެސް ޖުމްހޫރީ ޕާޓީއަށް ވަނުމަށް އެދޭ ފޯމެއް ހުށަހަޅާފައިވާކަން އެނގެން އޮތްކަން ޝަރިއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަަލައިގައި ސުވާލު އުފެދިފައިވާ ފޯމުގައިވާ އަތުލިޔުމަކީ މީނާގެ އަތުލިޔުން ނޫންކަމަށާއި އަދި އެއީ އެހެން މީހެއްގެ އަތުލިޔުންކަން ކަށަވަރު ކުރެވިފައިވާކަންވެސް ފާހަގަ ކޮށްފައިވެއެވެ.
މީގެއިތުރުން މި މައްސަލައިގައި ސުވާލު އުފެދިފައިވާ ފޯމުގައި މިނާ ފިންގަޕްރިންޓް ޖަހާފައިވީނަމަވެސް އެ ފޯމު އެހެން މީހެއްގެ ނަމުގައި ފުރާފައިވަނީ މީނާގެ އެނގުމުގެ ތެރެއިންކަން ސާބިތުވާ ހެއްކެއް ނުވަތަ ޤަރީނާއެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށްވެސް ޝަރިއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު ހުކުމް ކޮށްފައެވެ.