Last Updated: November 25, 22:26
Tuesday, November 26, 2024
ޚަބަރު

ހަރަދުކުޑަކުރަން ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވަކިކުރޭ

ހަރަދުކުޑަކުރަން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިބި މީހުންގެ ތެރެއިން ކުރާނެ އެއްވެސް މަސައްކަތެއް ނެތި އައްޔަންކޮށްފައި ތިބި މީހުން ވަކިކުރަން އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑައި، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް ޕާޓީގެ މެންބަރުން އަދިވެސް ދަނީ އައްޔަން ކުރަމުން ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިޔައީ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން އެ މީހުންގެ ވަޒީފާތަކުން ވަކިނުކުރައްވާނެކަމަށް ވައުދުވެވަޑައިގަންނަވަމުން ކަމަށާއި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އެ ވައުދު އެގޮތަށް ވެވަޑައިގެންނެވި ނަމަވެސް، އިންތިހާބުތައް ނިމުމާއެކު ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ކޮންމެ ދުވަހަކު އެތައް ސަތޭކަ މުވައްޒަފުންނެއް ވަކިކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

މިކަން ހިނގަނީ، ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުން ވަކިކުރަން ފަށާނެކަމަށް ބުނެ، ޕީޕީއެމް/ޕީއެންސީ ކޯލިޝަން ޕާޓީއެއްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި އިންޒާރު ދީފައިވަނިކޮށް ކަމަށްވެސް ބުނެފައިވެ އެވެ.

"ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލައި، ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެންމެ ފުރަތަމަ ސަރުކާރާ ހަމައިން ފެށުމަށާއި އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ 2,000 އަށްވުރެ ގިނަ މީހުންގެ ތެރެއިން، ކުރާން އެއްވެސް މަސައްކަތެއް ނެތި އައްޔަނުކޮށްފައި ތިބި މީހުން މަގާމުތަކުން ވަކިކޮށް، އެފަދަ މަގާމުތައް މަދުކުރުމާއެކު، ސަރުކާރުން ބޭކާރުގޮތުގައި ކުރަމުންދާ ހަރަދުތައް ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވައިލަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ ނުހައްގުން ވަޒީފާތަކުން ވަކިކުރާ މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް، ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިދިނުމުގެ މަސައްކަތް އެ ޕާޓީން ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.