ކުންފުނީގެ ޤާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ކުންފުނީގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ.
މަޖިލީހުން މި އިސްލާހު ފާސްކޮށްފައިވަނީ އިއްޔެ ޖަލްސާގައި، ވޯޓުގައި ބައިވެރިވި 85 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ކުންފުނީގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ، ކުންފުންޏެއްގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކަށް ބައެއް ބަދަލުގެނައުމެވެ.
މި އިސްލާހުތަކުގައި ބުނެފައިވަނީ ކުންފުނީގެ ހާއްސަ ޢާންމު ޖަލްސާއެއް ބާއްވަން މެންބަރުން އެދެފިނަމަ އެކަމަށް އެދި ނޯޓިސް ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާގެ ދައުވަތު ދޭންވާނެ ކަމަށާއި އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަންވާނެ ކަމަށެވެ. ޤާނޫނުގައި މިހާރު އޮންނަނީ ނޯޓިސް ލިބޭތާ 3 މަސް ތެރޭގައި ޖަލްސާ ބޭއްވުމަށެވެ.
މީގެއިތުރުން ކުންފުނީގެ ޑިރެކްޓަރުން އަދި މެނޭޖިން ޑިރެކްޓަރެއް ނެތްނަމަ ނުވަތަ އެކަން ރަޖިސްޓްރާގެ ސަމާލުކަމަށް އެއްވެސް ފަރާތަކުން ގެނެސްފިނަމަ ޑިރެކްޓަރުން އަދި މެނޭޖިން ޑިރެކްޓުން އައްޔަނު ކުރުމަށް ކުންފުންޏަށް އެންގުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެގޮތަށް އެންގުމުން 10 ދުވަހުގެ ތެރޭގައި ކުންފުންޏަށް ބޭނުންވާވަރަށް ޑިރެކްޓަރުން އަދި މެނޭޖިޮން ޑިރެކްޓަރު އައްޔަނުކޮށް އެކަން ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.