އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރު، އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރި މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ ހަކަތައިގެ ދާއިރާގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި އެކުވެރިކަން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމާ މެދުވެސް ވާހަކަ ދެކެވުނު ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދުގައި ހަކަތައިގެ ދާއިރާއިން ކުރެވިދާނެ އިތުރު މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ބުނެފައިވެ އެވެ.
މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ.