Last Updated: December 23, 21:08
Monday, December 23, 2024
ދުނިޔެ

ލަންކާ އިންތިހާބު: ފޯރިގަދަ ކެމްޕޭނު ނިމުމަކަށް

ލަންކާގެ އިންތިހާބުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ތިން ކެންޑިޑޭޓުން

ލަންކާގައި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕޭނު ނިންމާލައިފި އެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި 39 ކެންޑިޑޭޓަކު ވާދަކުރެ އެވެ. މިއީ ލަންކާގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގައި 17 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލާނެ އެވެ.

ކެމްޕޭނުގެ ފަހު ރެލީގައި ވާހަކަފުޅުދައްކަވަމުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމްސިންހަ ވިދާޅުވީ ލަންކާގެ ދަރަނި ރީސްޓަރަކްޗާ ކުރުމަށް ފަށާފައިވާ މަސައްކަތް ނިންމުމުގެ ގާބިލުކަން ހުރީ އޭނާގެ ކިބައިގައި ކަމަށާއި އުއްމީދަކީ އިންތިހާބުގެ ކުރިން އެ މަސައްކަތް ނިންމުން ކަމަށެވެ. އަދި އޭނާ އަކީ ފަށާ މަސައްކަތެއް ނިންމާނެ މީހެއްކަން ރައްޔިތުންނަށް ދައްކުވައިދީފައިވާނެ ކަމަށާއި ދެން އޮތީ ކުރިއަށްދާނެ މަގު ރައްޔިތުން އަމިއްލަ އަށް އިހުތިޔާރު ކުރުން ކަމަށް ރަނިލް ވިދާޅުވި އެވެ.

އިންތިހާބުގައި ރަނިލްއާ އެންމެ ގާތުން ވާދަކުރައްވާނެ އެއް ކެންޑިޑޭޓް ކަމަށްވާ، އަނޫރާ ޑިސަނަޔަކަ ވަނީ ގައުމުގައި އޮތް ފަގީރުކަން ކުޑަކޮށް އަދި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރަން އޭނާއަށް ވޯޓު ދޭން ރައްޔިތުންނަށް ގޮވާލާފަ އެވެ.

ލަންކާގެ އިދިކޮޅު ލީޑަރު ސަޖިޖު ޕްރަމަދާސަގެ އެންމެ ބޮޑު ވައުދަކީ ދިރިއުޅުމަށް ކުރަންޖެހޭ ހަރަދުތައް ކުޑަކޮށްދީ، ޓޫރިޒަމް އިތުރަށް ޕްރޮމޯޓްކޮށް އެހެން ސިނާއަތްތައް ކުރިއަރުވަން މަސައްކަތް ކުރުމެވެ. ސަޖިތު ވަނީ އޭނާގެ ވެރިކަމެއްގައި ބިނާކުރަނީ ލަންކާގެ ކޮންމެ ރައްޔިތަކީ ވެސް އަބުރުވެރި ދިރިއުޅުމެއް އުޅޭނެ ފަދަ ގައުމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

މި އިންތިހާބުގައި ލަންކާގެ އެންމެ ނުފޫޒު ގަދަ ސިޔާސީ އާއިލާ، ރާޖަޕަކްސާ އާއިލާ އަށް ނިސްބަތްވާ ނަމާލް ރާޖަޕަކްސާ ވެސް ވާދަކުރެ އެވެ. ކުރިން މިނިސްޓަރުކަމާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ނަމާލަކީ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަަޕަކްސާގެ ދަރިކަލެކެވެ.