ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމަށާއި އެ ދަރިވަރުންނަށް ސަރުކާރުން ފައިސާ ދިނުން ނުހުއްޓޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ ފައިސާ ދޫކުރުން ލަސްވަނީ ދަރިވަރުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން ލަސްވުން ފަދަ ކަންކަމާއި ހުރެ ކަމަށާއި ނަމަވެސް އެފަދަ ހާލަތްތަކުގައި ވެސް ދަރިވަރުންގެ ކިޔެވުން ނުހުއްޓޭނެ ގޮތަށް ޔުނިވާސިޓީތަކާއި ވާހަކަ ދައްކައިގެން ސަރުކާރުން އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.
"އެއްވެސް ކުއްޖަކަށް ދެރަވާ ގޮތަކަށް އަޅުގަނޑުމެންނެއް ނަހަދަން. އިރާދަކުރެވިއްޔާ މިދަނީ ވީހާވެސް ބޮޑަކަށް އެ ކުދިންނަށް ފައިސާ ދޫކުރުމުގެ ސިސްޓަމް ގާއިމުކޮށްގެން،" މާރިޔާ ވިދާޅުވި އެވެ.
މިނިސްޓްރީގައި މުވައްޒަފުންގެ ދަތިކަމެއް އުޅޭކަން ފާހަގަކުރައްވަމުން މާރިޔާ ވަނީ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ރެޔާއި ދުވާލު އަދި ހަފްތާ ބަންދުގައި ވެސް މިނިސްޓްރީގެ މުވައްޒަފުން ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދަރިވަރުންނަށް ދަތިވާނެ ގޮތަކަށް މިނިސްޓްރީން މަސައްކަތެއް ނުކުރާނެ ކަމަށާއި މިނިސްޓްރީން މަސައްކަތް ކުރާނީ ދަރިވަރުންނަށް ފަސޭހަތައް ހޯދައިދޭން ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ޑޮލަރު ބޭނުން ކުރުމުގައި ދަރިވަރިންނަށް ހާއްސަ އިސްކަމެއް ދޭން ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ކަމަށާއި ދަރިވަރުންގެ ކިޔެވުމަކަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދިނުމަށް މި ސަރުކާރުން ނިންމާފައިވާއިރު، މިއަހަރު ލޯނަށް ހޮވުނު ކުދިން ހިމެނޭހެން މިހާތަނަށް ސްޓޫޑެންޓް ލޯނަށް 473 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.