މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ދޫކޮށް އެއްވެސް ރައްޔިތަކު ދާން ނުޖެހޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތާރިގު ވިދާޅުވީ މޫސުމީ ބަދަލުތަކުން ރާއްޖޭގެ ރަށްތައް ދިފާއުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށާއި އޭގެ އެއް ހެއްކަކީ ރަސްމާލެ މަޝްރޫއު ކަމަށެވެ. އެގޮތުން ރަސްމާލެ ތަރައްގީ ކުރެވިގެންދާނީ ކަނޑުގެ ލޮނުގަނޑުގެ މަތިން ތިން މީޓަރު އުސްކޮށް ކަމަށާއި މާލޭގެ ބައެއް ސަރަހައްދުތައް މިހާރު ވެސް ހުރީ ކަނޑުގެ ލޮނުގަނޑުގެ އެއް މީޓަރު ނުވަތަ 1.2 މީޓަރުގައި ކަމަށްވާއިރު އޭގެ ސަބަބުން އެ ސަރަހައްދުތަކަށް ރާޅު އެރުންފަދަ ކަންކަން ދިމާވާ ކަމަށް ތާރިގު ވިދާޅުވި އެވެ.
ހުޅުމާލެ ދެ މީޓަރަށް އުސްކުރި ސަބަބަކީ ވެސް އެއީ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާޅު އެރުމުގެ ފުރުސަތު ބައެއް ރަށްރަށަށް ހުރިއިރު ކުރިއަށް އޮތް ތަނުގައި ކުރާ މަސައްކަތްތައް ކުރާއިރު މިފަދަ ކަންކަމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށްވެސް ތާރިގު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރާއްޖޭގެ މީހުންނަކީ ރާއްޖެ ދޫކޮށްފައި، މޫސުމަށް އަންނަ ބަދަލުތަކާ ހެދި ދާނެ ބައެއް ނޫން. އަޅުގަނޑުމެން ރާއްޖޭގައި ތިބޭނީ،" ތާރިގު ވިދާޅުވި އެވެ.
ދިވެހިންނަކީ ދިރިއުޅޭ މާހައުލު އިތުރަށް ތަރައްގީކޮށް، ރައްކާތެރިކޮށް އަދި މޫސުމަށް އަންނަ ބަދަލުތަކުން ވެސް ރައްކާތެރިވެގެން ތިބޭނެ ބައެއް ކަމަށް ތާރީގު ވިދާޅުވި އެވެ. އަދި ދިވެހިންނަކީ އުފާވެރި ޖައްވެއްގައި ދިރިއުޅޭ ބަޔަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.