Last Updated: November 26, 15:16
Tuesday, November 26, 2024
މުނިފޫހިފިލުވުން

"އުދަބާނި 2" ގެ ޕްރީމިއާ މިރޭ

"އުދަބާނި 2" މިރޭ އޮލިމްޕަހުގައި ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

އެކްޓަރު ހާމިދު އަލީ ޕްރޮޑިއުސްކޮށް، އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކޮށްފައިވާ މި ލޯބީގެ ބިރުވެރި ފިލްމުގެ ޕްރީމިއާ އޮންނާނީ މިރޭ 8:30 ގަ އެވެ.

"އުދަބާނި 2" އަކީ 2009 ގައި ގެނެސްދިން "އުދަބާނި" ގެ ސީކްއެލް އެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއީލް ލީޑް ރޯލު ކުޅުނު ފިލްމު ހަދާފައި ވަނީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ގެނެސްދިން ވާހަކައަށެވެ. "އުދަބާނި 2" ބިނާކޮށްފައި ވަނީ އޭނަ 2012 ގައި ނެރުނު ވާހަކައިގެ ދެވަނަ ބަޔަށެވެ.

ދެ ފިލްމު ވެސް އަމްޖޭ ޑައިރެކްޓްކުރި ނަމަވެސް ހާމިދު ފިޔަވައި، ދެވަނަ ބައިގެ ކާސްޓް އެއްކޮށް ތަފާތެވެ. އެގޮތުން "އުދަބާނި 2" ގެ ލީޑް ތަރިންނަކީ އަހުމަދު އީސަ (އާނަންދު) އާއި އައިމިނަތު ޝުހާ އާއި އަލީ އާޒިމް (ދޮންއައްޔަ) އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ނަތާޝާ ޖަލީލާއި މަރިޔަމް ޝަކީލާ އަދި އަލީ ޝަމީލު ހިމެނެ އެވެ.

"އުދަބާނި 2" އަކީ މި އަހަރު އޮލިމްޕަހުގައި އަޅުވާ 9 ވަނަ ފިލްމެވެ. އެތަނުގައި އެންމެ ފަހުން މުޅިން ވެސް ހައުސްފުލް ޝޯތަކެއް ދެއްކި ޑައިރެކްޓަރު ހުސައިން މުނައްވަރުގެ "ކަމަނާ" އެވެ.

"އުދަބާނި 2" މިރޭ ޕްރީމިއާކުރާ އިރު، މި މަހުގެ 26 ގައި ކުޑަކުދިންނަށް ހާއްސަ ފިލްމު "ރޮބޯމޭން: ދަ މޫވީ" ވެސް އޮޮލިމްޕަހަށް ގެންނަން އޮތީ ތާވަލުކޮށްފަ އެވެ.

"އުދަބާނި 2" އަޅުވަން ބޭނުންވާ ރަށްރަށުން އެކަމަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ގުޅަން ޖެހޭ ނަމްބަރަކީ 7762077 އެވެ.