މި ސަރުކާރުން ބީއެމްއެލް ހަބޭހަށް ސިޔާސީ ކުރަމުންދާ ކަމަށާއި މިއީ ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވި އިރު، ބީއެމްއެލްގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް (ޕީސީބީ)ސަރުކާރުން ވަނީ ނަން ފޮނުވާފަ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރުން ބީއެމްއެލް ހަބޭހަށް ސިޔާސީ ކުރަމުންދާ ކަމަށާއި މިއީ ބޮޑު ގޯހެއް ކަމަށެވެ. މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ބޭފުޅާ މިކަންކަން ހުއްޓުވަންޖެހޭ ކަމަށާއި ނޫނީ މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
ބޭންކުތަކަކީ ސިޔާސީކޮށްގެން ވާނެ ތަންތަން ނޫން ކަމަށާއި ސަރުކާރުން އެކަން ކުރަމުންދަނީ ވެސް ގާނޫނުތަކާއި ހިލާފަށް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ ބީއެމްއެލްގެ ޑޮލަރު ކާޑުގެ ލިމިޓް އުވާލަން އެ ބޭންކުން ނިންމި ނިންމުމާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ބަޣާވާތްކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، ފުލުހުން ފަށައިފައިވާ ތަހުގީގު ލަސްވަމުންދާތީ ވެސް އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވީ ސީރިއަސް ތުހުމަތެއް ކަމަށާއި އެފަދަ ސީރިއަސް ތުހުމަތެއްގެ ތަހުގީގު މިހާރަށް ވުރެ އަވަހަށް ހިނގަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަދި ހާޒިރުކުރި އެއްވެސް އިންސާނަކު ނެތް އިނގޭތޯ. ބޭންކް އޮފް މޯލްޑިވްސްގެ އެއްވެސް މީހެއް ހާޒިރެއް ނުކުރޭ. އެހެންވީމާ ކީއްތޯ މިވަނީ،" ޔާމީން ވިދާޅުވި އެވެ.
ދާދިފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ މައްސަލައި އެއްވެސް މީހަކާ ސުވާލުކޮށް ބަޔާނެއް ވެސް ނަގާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިވަގުތު ވެސް ކުރެވެމުން މިދަނީ މައުލޫމާތުތައް ހޯދައި އެއްކޮށް، އަދި ޖިނާއީ ކްރިމިނަލް ޕްރޮސީޑިންއެއް އޭގެ ކުރިއަށް ގެންދަން ޖެހޭ މިންވަރަށް އެ ކަންތައްތައް ފުރިހަމަވޭތޯ،" އޭނާ ވިދާޅުވި އެވެ.