މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ބެހޭގޮތުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް، ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި ނޫ އިޤްތިޞާދުގެ ޕްރެކްޓިސް މެނޭޖަރު އޭން ޖީނެޓް ގްލޯބާއާ މަޝްވަރާކުރައްވައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ވޯލްޑް ބޭންކުން ފަންޑުކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ މަސައްކަތްތަކަށް މިނިސްޓަރު ޝަހީމް އަލިއަޅުއްވާލެއްވި ކަމަށެވެ. އެގޮތުން މިފްކޯއަށް ގަންނަ މަހުގެ 65 ޕަސެންޓަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ރޯ މަސްކަމަށާއި، ސަރުކާރުގެ އަމާޒަކީ މަސް ޕްރޮސެސްކޮށް މި އަދަދު މަދުކުރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ރާއްޖޭގެ 3 ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެސިލިޓީތައް ގާއިމުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި ކުންފުނިތަކުގައި ބޭނުންކުރާ ތެލުގެ 35 ޕަސެންޓް ޚަރަދު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއްކަމަށް ވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އޭން ޖީނެޓް ގްލޯބަރ ވިދާޅުވެފައިވަނީ، ތިމާވެށީގެ ދާއިރާއިންނާއި، އަންހެނުން ބާރުވެރިކުރުވުމާއި އަދި އެހެނިހެން ދާއިރާތަކުން ކުރާ މަސްވެރިކަމާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް ފައިނޭންސް ލިބޭނެ ގޮތްތައް އެބަހުރިކަމަށާއި މިނިސްޓްރީއާ ގުޅިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލުމަށް ވޯލްޑް ބޭންކުގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ.