މި ސަރުކާރު ވެއްޓޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ނާޒިލް ވިދާޅުވީ މި ސަރުކާރުން ނުކުރާނަމޭ ބުނި ގިނަ ކަންކަން ކުރަން ފަށާފައިވާ ކަމަށާއި އެގޮތުން މަސްވެރިންނަށް ދޭ ފައިސާ ކުޑަ ނުކުރަން ވީ ވައުދާއި ވެސް ހިލާފުވެފައިވާ ކަމަށެވެ. މާލޭ ރައްޔިތުންނަށް ގޯތި ދޭން ބުނި ވައުދު ވެސް ނުފުއްދާނެ ކަމަށާއި ފްލެޓް ދޭނަމޭ ބުނި ނަމަވެސް އެކަން ވެސް މިހާތަނަށް ކޮށްފައި ނުވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
އަދި އާސަންދަ ކަނޑާނުލާނަމޭ ބުނި ނަމަވެސް އެކަން ވެސް މިހާރު ކޮށްފައިވާ ކަމަށާއި އާސަންދައިގެ ދަށުން ދުބާއީ އާއި ތައިލޭންޑަށް މިހާތަނަށް އެއްވެސް މީހަކު ފޮނުވިފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ. އަދި ޑޮލަރުގެ އަގުވެސް ބޮޑުތަނުން މަތިވެފައިވާ ކަމަށާއި ރާއްޖޭގައި ތިބި ކަމަށް ބުނި އިންޑިއާ ސިފައިން ބާލަންވީ ވައުދާއި ވެސް ސަރުކާރުން ހިލާފުވެފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. އެގޮތުން މީގެކުރިން ވެސް ރާއްޖޭގައި ތިބި އިންޑިއާގެ މީހުން މިހާރުވެސް އެބަތިބި ކަމަށާއި އަދި އިންޑިއާގެ ހެލިކޮޕްޓަރު ވެސް އުދުހެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ނިންމާލަމުން ބުނާނީ، މި ސަރުކާރު ނުވެއްޓޭނެއޭ ވެސް ބުނި. ވެއްޓޭނެ މި ސަރުކާރު، ވެއްޓޭނެ،" ނާޒިލް ވިދާޅުވި އެވެ.
މީގެއިތުރުން ނާޒިލް ވަނީ މި ސަރުކާރުން ތަކުރާރުކޮށް ވަޒީފާ އިން މީހުން ނުކަނޑާނެ ކަމަށްވެސް ބުނި ކަމަށާއި ނަމަވެސް ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ވަޒީފާތަކުން ކަނޑާލާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.