މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ ހިދުމަތް ފެށޭނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ގއ. ވިލިނގިލީގައި ފެށުމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އައިޑީ ކާޑާއި ޕާސްޕޯޓް ފަދަ މާލެއިން ލިބޭ ހިދުމަތްތައް ރަށްރަށުން ލިބޭނެ ގޮތް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވަމުން ގެންދަވާކަމަށެވެ. އެގޮތުން ވިލިގިނލީގައި އައިޑީ ކާޑް ހަދަން ފެށުމަކީ އެކަމުގެ ހެއްކެއް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ މަސައްކަތް މި ދައުރުގައި ފެށޭނެ ކަމަށާއި މިކަން ކުރުމަށް އަތޮޅުތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިކަމުން ހާމަވަނީ ސަރުކާރާއި ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒުގެ ސަރުކާރުން އުފައްދާފައިވާކަން ކަމަށްވެސް ވިދާޅުވި އެވެ.