Last Updated: November 26, 15:28
Tuesday, November 26, 2024
މުނިފޫހިފިލުވުން

ޖެކްލީންގެ އަޑުން ލަވައެއް ވީޑިއޯއާ އެކީ

ބަތަލާ ޖެކްލީން ފެނާންޑޭޒް ކިޔާފައިވާ ލަވައެއް ވީޑިއޯއާ އެކު މިއަދު ނެރެފި އެވެ.

އިނގިރޭސި ބަހާއި ހިންދީ ބަސް މަސްހުނިކޮށްގެން ކިޔާފައިވާ ލަވައިގެ ނަމަކީ "ސްޓޯމްރައިޑާ" އެވެ. ލަވަ ރެކޯޑްކޮށްފައި ވަނީ އެމެރިކާގެ ރެކޯޑް ލޭބަލެއް ކަމަށްވާ ބެވަލީ ހިލްސްގެ މިސްޓް މިއުޒިކްގެ ތައްގަނޑުގަ އެވެ.

ލަވައާ ބެހޭ ގޮތުން ޖެކްލީން ބުނީ މިއުޒިކަށް އަބަދު ވެސް ވަރަށް ލޯބިކުރާ ކަމަށާއި އަމިއްލަ ލަވައެއް ރެކޯޑް ކުުރަން ވިސްނި އިރު، ބޭނުންވީ ހަމައެކަނި ލަވައެއް ދޫކޮށްލަން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ލަވައަކުން އޭނަގެ ޝުއޫރުތަކާއި އިހުސާސްތައް ވަރަށް ބޮޑަށް ގެނުވައިދޭ ކަހަލަ ވާހަކައެއް ލަވައިން ކިޔައިދޭން ބޭނުންވި "ސްޓޯމްރައިޑާ" އަކީ އެފަދަ ލަވައެއް ކަމަށެވެ.

މި ލަވައިގެ ޅެން ލިޔުނީ އަމްރިތާ ސެން އާއި ރޮބިން ގުރްބާޓެވެ.

ބޮލީވުޑްގެ ފިލްމުތަކުން މަޝްހޫރުކަން ހޯދި ސްރީ ލަންކާ އަށް ނިސްބަތްވާ ޖެކްލީން ކިޔާފައިވާ ލަވައެއް ދޫކޮށްލި އިރު، އޭނަ ހޮލީވުޑްގެ ތަރި ވެން ޑެމްއާ އެކީ ކުޅެފައިވާ ފިލްމު "ކިލް ދެމް އޯލް 2" އަންނަ އަންގާރަ ދުވަހު ސިނަމާތަކަށް ގެންނާނެ އެވެ. މިއީ ވެން ޑެމްގެގެ 2017 ގެ "ކިލް ދެމް އޯލް" ގެ ސީކްއެލް އެވެ.

ޖެކްލީންގެ އެންމެ ފަހުގެ ބޮލީވުޑްގެ ފިލްމަކީ މިދިޔަ އަހަރުގެ "ސެލްފީ" އެވެ. "ކިކް" އާއި "ރޭސް 2" އާއި "ހައުސްފުލް" ފްރެންޗައިޒް ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފަތޭ" އާއި "ވެލްކަމް ޓު ޖަންގަލް" ހިމެނެ އެވެ.