ޕާކިސްތާންގައި އިސްލާމް ދީނަށް ފުރައްސާރަކުރި ޑޮކްޓަރަކަށް ހަމަލާ ދީ މަރާލައިފި އެވެ.
މީޑިއާތަކުން ބުނީ ޑރ. ޝާހްނަވާޒު ކަންބާރު ރަސޫލާއަށާއި އިސްލާމް ދީނަށް ބަދުބަސްތަކެއް ރައްދުކޮށް، ފުރައްސާރަކޮށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފިލައިގެން އުޅެނިކޮށް އޭނަ މަރުވީ ދެކުނު ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ނިއާޒު ޙޯސޯގައި ފުލުހަކު ބަޑިން ދިން ހަމަލާއެއްގައި ކަމަށެވެ.
ސިންދު ޕްރޮވިންސްގެ ފުލުހުންގެ ވެރިޔާއާ ހަވާލާދީ މީޑިއާތަކުން ބުނީ ނަވާޒު މަރުވީ ސައިކަލެއްގައި ދިޔަ ބަޔަކު ފުލުހުން ހުއްޓުވައި ޗެކްކުރުމުގެ ތެރޭގައި އޭގެ ތެރެއިން އެކަކު ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރުމުން، ފުލުހަކު ރައްދުގައި ދިން ހަމަލާއެއްގައި ކަމަށެވެ.
އަދި އެ ހަމަލާގައި މަރުވީ ފުލުހުން ހޯދަމުން ދިޔަ ނަވާޒްކަން އެނގުނީ ހާދިސާ އަށް ފަހު ކަމަށް ސިންދު ޕްރޮވިންސްގެ ފުލުހުންގެ ބުންޏެވެ. މި ހާދިސާއާ ގުޅިގެން އެ ޕްރޮވިންސްގެ އިންޓީރިއާ މިނިސްޓަރު ޒިއާއުލް ހަސަން- ލިންޖާރު ވަނީ ހާދިސާގެ މިނިވަން އިންކްއަރީއެއް ހަދަން ގޮވާލައްވައިފަ އެވެ.
ޑރ. ނަވާޒް މަރާލުމާ ގުޅިގެން ޕާކިސްތާންގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މިއީ ހަފުތާގެ ތެރޭގައި ދީނަށް ފުރައްސާރަކުރި މައްސަލައެއްގައި މަރާލި ދެވަނަ މީހާ އެވެ.