Last Updated: September 21, 10:53
Saturday, September 21, 2024
ޚަބަރު

އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު 3 މީހަކު ހައްޔަރަށް

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވާ ތިން މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ހަތަރެއްގައި ހިންގި މާރާމާރީއެއްގެ މައްސަލައިގަ އެވެ.

އެއީ މުޙައްމަދު އަހްސަމް ، 26އ، އާއި މުޙައްމަދު ސިބްތު އަބްދުﷲ، 19އ އަދި އަސްވާނު މުޙައްމަދު، 28އ އެވެ.

ކޯޓް އަމުރެއްގެ ދަށުން މި މީހުން ހައްޔަރު ކޮށްފައި ވަނީ ތައިލެންޑުން ރާއްޖެ އައިތަނުންނެވެ. އެކަކު ހައްޔަރު ކުރީ ބުދަ ދުވަހު އެވެ، އަނެއް ދެ މީހުން އިއްޔެ އެވެ.

ފުލުހުން ބުނީ އެ މީހުން ރާއްޖެ އައިސްފައި ވަނީ ފިލައިގެން އުޅެނިކޮށް ޑީޕޯޓްކޮށްލުމުން ކަމަށެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އަހްސަމާއި މުޙައްމަދު ސިބްތު އަބްދުﷲ ޝަރީއަތް ނިމެންދެން ބަންދުކުރިއިރު، އަސްވާން މުހައްމަދު ބަންދު ދޫކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.