Last Updated: September 21, 14:31
Saturday, September 21, 2024
ޚަބަރު

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހަދަން މަޝްވަރާކޮށްފި

އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރު ދާދި ފަހުން އައްޑު އަށް ކުރެއްވި ދަތުރުގެ ތެރެއިން.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ހަދަން މި ސަރުކާރުން ވެސް މަޝްވަރާތަކެއްކޮށްފި އެވެ.

މިކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަނުކުރި ނަމަވެސް އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރާތީ އެ ގައުމުގެ އިތުރު ސްޓޭޓެއްގައި ދިވެހި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ ފުރުސަތު ދޭން ސަރުކާރުން އޮތީ ތައްޔާރަށެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ދިވެހި ހައިކޮމިޝަން ގާއިމުކޮށްފައިވާ އިރު، ޓްރިވެންޑްރަމްގައި ދިވެހި ކޮންސިއުލޭޓެއް ވެސް ހުރެ އެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ ކަމަށްވާ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިންޑިއާ ހާމަކޮށްފައި ވަނީ 2021 ގެ މެެއި މަހުގެ ތެރޭގަ އެވެ. އަދި އެކަމާ ގުޅިގެން އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކަމަށް ހުއްދަ ދޭނެކަމުގެ އިޝާރާތެއް ވެސް ދީފައިވެ އެވެ.

މިކަމާ ގުޅިގެން އޭރު އިދިކޮޅުގައި އޮތް އަދި މިހާރު ވެރިކަން ކުރާ ކޯލިޝަން ޕީއެންސީ/ޕީޕީއެމުން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި "ސޭވް އައްޑޫ" ގެ ނަމުގައި އޭރު ކެމްޕޭނެއް ވެސް ހިންގާފައިވެ އެވެ. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން ކުރިން ނިންމުމުން ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހިމެނިވަޑައިގަނެ އެވެ.

ނަމަވެސް މި ސަރުކާރުން ވެސް އެކަން ކުރަން މިހާރު މަޝްވަރާތަކެއްކޮށްފައިވާ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވަން ވެސް ހަމަޖެހިފައިވެ އެވެ.