Last Updated: September 21, 19:39
Saturday, September 21, 2024
ޚަބަރު

ކޮންމެ އަހަރަކު 100 އިމާމުން ބޭރުން ތަމްރީނު ކުރަނީ

ކޮންމެ އަހަރަކު 100 އިމާމުން ރާއްޖޭން ބޭރުން ތަމްރީނަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި އިމާމުންގެ މަހާސިންތާގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 500 އިމާމުން ތަމްރީނުކޮށް އަދި މަދުވެގެން 1000 ހަތީބުން ތަމްރީންކޮށް ނެރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއިން ބޭރަށް 100 އިމާމުން ފޮނުވައިގެން ތަމްރީންކުރުން. ﷲ އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރަށް ކޮންމެ އަހަަރަކު 100 އިމާމުން އަޅުގަނޑުމެން ފޮނުވާނަން. އެހެންވީމަ މި ފަސް އަހަރު ތެރޭގައި މަދުވެގެން 500 އިމާމުން ތަމްރީންކުރާނަން އަޅުގަނޑުމެން. އަދި މަދުވެގެން 1000 ހަތީބުން ނެރޭނަން،" ޝަހީމް ވިދާޅުވި އެވެ.

އިމާމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އެގޮތުން އިމާމުންގެ އައު އޮނިގަނޑު އެކުލަވާލާއިރު ވެސް މި މަހާސިންތާގައި މަޝްވަރާކުރާ ކަންތައްތަކާއި ނިންމާ ކަންތަތައްތައް އައު އޮނިގަނޑުގައި ހިމަނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މި މަހާސިންތާގައި 500 އަށް ވުރެ ގިނަ އިމާމުން ބައިވެރިވެ އެވެ. މިނިސްޓްރީން މިއީ ބުނީ ރާއްޖޭގައި ބާއްވާ އިމާމުންގެ ފުރަތަމަ މަހާސިންތާ ކަމަށާއި މަހާސިންތާގައި ގިނަ ކަންކަމާ މެދު މަޝްވަރާ ކުރެވޭނެ ކަމަށެވެ.