Last Updated: September 22, 00:20
Saturday, September 21, 2024
މުނިފޫހިފިލުވުން

ކަރަން ވެސް ވެބް ސީރީޒެއް ޑައިރެކްޓް ކުރަނީ

ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށް ފަހު، މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ވެސް ނެޓްފްލިކްސް އަށް ވެބް ސީރީޒެއް ޑައިރެކްޓްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން މިއަދު ބުނީ މިއީ މަޝްހޫރު ގިނަ ބަތަލާއިންތަކެއް ކާސްޓްގައި ހިމެނޭނެ އެއްޗެ ކަމަށާއި ސީރީޒްގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. އަދި ބެލުންތެރިންނަށް ސީރީޒް ދޫކޮށްލާނީ 2026 ގައި ކަމަށާއި މިއީ ނެޓްފްލިކްސްގެ ވަރަށް އުންމީދީ ޕްރޮޖެކްޓެއް ކަމަށް ހަންގާމާ އިން ބުންޏެވެ.

ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް ކަރަން އާއި ނެޓްފްލިކްސްގެ ފަރާތުން އަދި ނުދެ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމަޓިކް އެންޓަޓައިންމަންޓުން ކުރިން ވެސް ނެޓްފްލިކްސް އަށް ސީރީޒެއް ހަދާފައިވާކަމެވެ. އެއީ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ 8 އެޕިސޯޑްގެ 2022 ގެ "ދަ ފޭމް ގޭމް" އެވެ.

މީގެ އިތުރުން އެތަނުގެ ރިއަލިޓީ ސީރީޒް "ފެބިއުލަސް ލައިވްސް ވާސަސް ބޮލީވުޑް ވައިވްސް" އަކީ ވެސް ނެޓްފްލިކްސް އިން ގެނެސްދިން އެއްޗެކެވެ. އޭގެ ދެ ސީޒަނެއް ގެނެސްދީފައިވެ އެވެ.

ކަރަން ނެޓްފްލިކްސް އަށް ސީރީޒަށް ހަދަން ތައްޔާރީތައްވަމުން އަންނަ ވާހަކަ ދެކެވެމުން އަންނަ އިރު، އޭނަ ދެން ޑައިރެކްޓްކުރަން ހަމަޖެހިފައި އޮތީ ކެރިއަރުގައި ޑައިރެކްޓްކުރާ ފުރަތަމަ އެކްޝަން ފިލްމެވެ. "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އަދި "އޭ ދިލް ހެ މުޝްކިލް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.

މިދިޔަ މެއި މަހުގައި ބަންސާލީ ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ސީޒަނެއް ވެސް ހަދަން އޮތީ ނިންމައިފަ އެވެ.