Last Updated: September 22, 00:20
Saturday, September 21, 2024
ކުޅިވަރު

ޖެކްސަންގެ ދެ ގޯލުން ޗެލްސީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން 3-0 އިން ވެސްޓްހަމް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ޗެލްސީ މިވަގުތު އޮތީ ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. ވެސްޓްހަމް އޮތީ ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގަ އެވެ.

ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގާފަ އެވެ. ވެސްޓްހަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ނިކޮލަސް ޖެކްސަން އެވެ. އަދި މެޗުގެ 18 ވަނަ މިނެޓްގައި މޮއިސެސް ކައިސޭޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެކްސަން ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.

ޗެލްސީގެ މި ދެ ގޯލަށްފަހު ވެސްޓްހަމުން ފުރަތަމަ ހާފްގެ ފަހު 15 މިނެޓްގައި ކުޅުން ރަނގަޅުކޮށް، ޗެލްސީގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކޮށްފައިވެ އެވެ.

ޗެލްސީން މި މެޗުގައި ޖެހި ތިންވަނަ ގޯލު ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ކާމިޔާބުކޮށްދިނީ ކޯލް ޕާމާ އެވެ. މި ގޯލަށްފަހު ވެސް ދެވަނަ ހާފުގައި ޗެލްސީ އަށް ވަނީ ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.

މިއީ ވެސްޓްހަމް އިން އަމިއްލަ ދަނޑުގައި ކުޅެ ލީގުގައި ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ. އަނެއްކޮޅުން މިއީ ޗެލްސީން ރަށުން ބޭރުގައި ކުޅެ ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ބްރައިޓަންއާ އެވެ. ވެސްޓްހަމް ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.