Last Updated: September 22, 00:20
Saturday, September 21, 2024
ޚަބަރު

މިއަދަކީ އެންމެ ބާރުގަދަ ގައުމުތަކާ އެއް ސަފަކަށް ރާއްޖެއައި ދުވަސް

މިއަދަކީ އެންމެ ބާރުގަދަ ގައުމުތަކާ އެއް ސަފަކަށް ރާއްޖެ އައި ދުވަސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖެ، އދ ގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ދެއްވި ހިތާބު ގަ އެވެ.

އދ ގެ މައި މަރުކަޒުގެ ކައިރީގައި ހުންނަވާ ދެއްވި ވީޑިއޯ ހިތާބުގައި ރައީސް ވިދާޅުވީ މިއަދަކީ ދިވެހިރާއްޖެ ދުނިޔޭގެ އެންމެ ބިޔަ އެންމެ ވަރުގަދަ ގައުމުތަކާ އެއް ސަފެއްގައި އެއް ހަމައެއްގައި ކުރިއަށް ދިއުމަށް މަގުފަހިވި ދުވަސް ކަމަށެވެ.

"މިއަދަކީ ފެއްސާ ރަތާ ހުދުގެ ދިވެހި ދިދަ، އާދެ އެ ދިދައަކަށްޓަކައި އެ ދިދައިން ރަމްޒުކޮށްދޭ ކަންތައްތަކަށްޓަކައި އަޅުގަނޑުމެން ނުހަނު ފަހުރުވެރިވާ ދިވެހި އެކުވެރި ދައުލަތްތަކުގެ މައި މަރުކަޒުގައި ވިހުރުމަށް ފުރުސަތު ލިބިގެން ދިޔަ ދުވަސް. މިއަދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށާއި ރާއްޖޭގެ ޑިޕްލޮމެޓުންނަށް ހެޔޮ އެދުމާ ތަހުނިޔާ އަރިސްކުރަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން އ.ދ ގައި ކުރަމުންދާ ދަތުރަކީ ދިވެހިން ފަހުރުވެރިވާ ފަދަ ދަތުރެއް ކަމަށާއި އެކަހެރިކޮށް އޮތް ޖަޒީރާ ގައުމެއް ދުނިޔޭގެ ސިޔާސީ ސަފުތަކާ ގުޅި އެކުވެރިކަމުގައި ކުރާ ދަތުރެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ ނިކަމެތިކަމުން ފުދުންތެރިކަމަށް ބިންގާ އެޅުނު ދަތުރެއް ކަމަށްވެސް ވިދާޅުވި އެވެ.

މި ހިތާބުގައި ރައީސް ވަނީ ކުރިއަށްއޮތް އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަޞައްވަރު ހާމަކުރެއްވުމަށްކަމުގައި ވިދާޅުވެފަވެފަ އެވެ.

"އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް، އެންމެ އިސްކަން ދޭނެކަމަކީ ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަޞައްވަރު ހާމަކުރުން. ދިވެހިންގެ އަޑު، ދިވެހިންގެ ވިންދުގެ އަޑު، ދިވެހިންގެ އިޙުސާސްތައް އިއްވުމަށް" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި އަދި ހިންގެވުމުގައި އަބަދުވެސް އެންމެ އިސްކަން ދެއްވާނީ ދިވެހިރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ކަމަށްވެސް ވިދާޅުވެފަ އެވެ.