ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.
ހިޒްބުﷲ ޖަމާއަތުން ބުނީ ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރޭލުގެ ތިންވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހައިފާގެ ކައިރީގައި އޮންނަ ރަމަޓް ޑޭވިޑް އެއާބޭސް އަށް ކަމަށެވެ. މިއީ އިޒްރޭލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާއެއް ކަމަށް ހިޒްބުﷲ އިން ބުނެ އެވެ.
އިޒްރޭލު އަސްކަރިއްޔާ އިން ބުނިގޮތުގައި ގާތްގަނޑަކަށް ވައިގެ 10 ހަމަލާއެއް ލުބްނާނުން އިޒްރޭލަށް ވަނީ އަމާޒުކޮށްފަ އެވެ. ނަމަވެސް އޭގެތެރެއިން ގިނަ ވައިގެ ހަމަލާތައް ވައްޓާލާފައިވާ ކަމަށް އިޒްރޭލު އަސްކަރިއްޔާ އިން ބުނެ އެވެ.
މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަނީ ހައިފާގައި ދިރިއުޅޭ ރައްޔިތުން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ.
އިޒްރޭލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އިއްޔެ ވެސް ވަނީ އެގައުމުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ވައިގެ ހަމަލާތަކެއް ފޮނުވާލާފަ އެވެ. އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ދިން ވައިގެ ހަމަލާއެއްގައި ވަނީ ލުބްނާންގައި ހަރަކާތްތެރިވަމުންދިޔަ ހިޒްބުﷲ ގެ ކޮމާންޑަރަކު ވެސް ޝަހީދުކޮށްލާފަ އެވެ.
މީގެއިތުރުން މިދިޔަ ހަފްތާގައި ހިޒްބުﷲ ގެ މެންބަރުންގެ ޕޭޖަރުތައް ގޮވުމުގެ ހާދިސާތަކެއް ވެސް ހިނގާފައިވާއިރު، ހިޒްބުﷲ އިން ވަނީ މިއީ އިޒްރޭލުން ދުރާލައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ތުހުމަތުކޮށްފަ އެވެ. މި ހަމަލާތަކުގައި 37 މީހަކު މަރުވެފައިވާއިރު، 287 މީހަކު ތިބީ ސީރިއަސް ހާލަތުގަ އެވެ. މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަކި އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.