އިމާމުންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ތައާރަފު ކުރަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ރާއްޖޭގައި އިއްޔެ އަލަށް އިމާމުންގެ ފުރަތަމަ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިމާމުންނަށް ހާއްސަ އިންޝުއަރެންސް ސްކީމް މި ހަފުތާގެ ތެރޭގައި ތައާރަފު ކުރާނެ ކަމަށެވެ. އަދި މާލެ ސަރަހައްދާއި އާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާ ހައުސިން ސްކީމްތަކުުން ވެސް އިމާމުންނަށް އިސްކަން ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިމާމުންނަށް ހާއްސަކުރާ އިންޝުއަރެންސް ސްކީމަކީ އެކި ކަހަލަ ބަކިތައް ތަހައްމަލުކުރާ އިމާމުންނަށް ފަރުވާ ކުރަން ފަހިކޮށް ދެވޭނެ ފަހި ފުރުސަތެއް ކަމަށެވެ.
"މިނިސްޓްރީން ގަސްތުކުރަނީ އިމާމުންނަށް ޓަކައި ތައާރަފުކުރާ އިންޝުއަރެންސް ސްކީމް އެންމެ ފުރަތަމަ މި ބޭފުޅުންގެ ކިބައިން ފެށުން. އިރާދަކުރެއްވިއްޔާ މިކަމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅު މި ފެށޭ ހަފުތާގައި އަޅުގަނޑުމެން އަޅައި ދޭނަން. މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ މިކަމާ ގުޅިގެން އިންޝުއަރެންސްގެ ހިދުމަތްދޭ ކުންފުނިތަކާ ބައްދަލުކުރެވި މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އާސަންދައިގެ ތެރެއިން ފަރުވާ ކުރުމުގެ އިތުރަށް ކުރަން ޖެހޭ ކުރަން ޖެހޭ ކަންކަން ކުރެވޭނެ ގޮތް ފަހިކޮށް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިއްޔެ ބޭއްވި އިމާމުންގެ މަހާސިންތާގައި 500 އަށް ވުރެ ގިނަ އިމާމުން ބައިވެރިވި އެވެ.