ޕްރޮސެކިއުޓަ ޖެނެރަލް އަށް ނުފޫޒުފޯރުވާ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ދެއްވައިފިއެވެ.
ރ. އިފުރު އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް ޖިނާއީ ދައުވާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި އިމްރާންގެ މައްޗަށް އަމިއްލަ ހައިސިއްޔަތުން އަބުރުގެ ދައުވާއެއް ނުކުރައްވާނެ ކަމަށާއި އޭގެ ބަދަލުގައި ކުރައްވާނީ ޖިނާއީ ދައުވާއެއް ކަމަށެވެ.
ޖިނާއީ ދައުވާ ކުރުމުގެ ބާރު އޮންނަނީ ޕްރޮސެކިއުޓަ ޖެނެރަލް އަށް ކަމަށް ވެފައި ޝެއިޚް އިމްރާންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ އެމަނިކުފާނު ޕީޖީ އަށް ނުފޫޒުފޯރުވާކަމުގެ ހެއްކެއް ކަމުގައި ބުނެ ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑިޔާގައި ފާޑު ކިޔަމުންނެވެ.
އިމްރާންގެ މައްޗަށް ޖިނާއީ އުފުއްލަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު މެއި މަހުގެ 1 ވަނަ ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން ޝެއިޚް އިމްރާނާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އަދި ޖޭޕީގެ ކައުންސިލް މެމްބަރު ސޮބާހް ރަޝީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން މިދިޔަ ހަފުތާގައި ފޮނުވާފައިވާ ކަން ފާހަގަކޮށްލެވެއެވެ.