މަތީ ތަޢުލީމު ދޭ ކޯސްތަކުގެ ކޮންޓްރޯލްޑް އެސަސްމަންޓްތަކުން މަދުވެގެން 50 ޕަސަންޓް ހާޞިލުނުކުރާ ނަމަ ފާސްނުވާ ގޮތަށް މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން އެކްރިޑޭޝަން އުޞޫލަށް ބަދަލު ގެންނަން ނިންމިފިއެ ވެ.
ރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ ކޮލެޖުތަކާއި އިންސްޓިއުޓްތަކުން، ދަރިވަރުންގެ ފެންވަރު ކަނޑައަޅަނީ ދަރިވަރުން ހަދާ އިމްތިހާނުތަކާއި އެސައިންޓްމަންޓްތަކުންނެވެ.
އެމްކިޔުއޭގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ކޯސްތަކުގައި ދަރިވަރުންނަށް ޙަވާލުކުރެވޭ އެސައިންމަންޓްތަށް އެހެން މީހުން ލައްވައި ތައްޔާރުކުރުމާއި "ޗެޓްޖީޕީޓީ" ފަދަ އޭއައިގެ ވަސީލަތްތަށް ބޭނުންކޮށްގެން ފުރިހަމަ ކުރުމަކީ މިހާރު ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
އެހެންވެ ޙައްލު ހޯދުމަށް އަމާޒުކޮށް، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ މާއްދާއެއްގައި ވެސް ކޮންޓްރޯލްޑް އިމްތިހާނުން (ލެކްޗަރާއެއްގެ ހާޒިރުގައި ދަރިވަރުންހަދާ އިމްތިހާނު ނޫނީ ޕްރެޒެންޓޭޝަން) 50 ޕަސަންޓް ހާޞިލު ނުކުރާ ނަމަ ކޯހުން ފާސް ނުވާނެ ކަމަށް އެމްކިޔުއޭ އިން ވަނީ ނިންމައިފަ އެވެ.
މަތީ ތަޢުލީމު ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުންނަށް އެއްވެސް އެހެން އިމްތިހާނެއް ހެދުމަކާއި ނުލައި 100 ޕަސަންޓް މާކްސް ހަމައެކަނި އެސައިންމަންޓުން ހޯދައިގެން ފާސްވާ މާއްދާތަށް ވެސް އެކި ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގައި ކުރިއަށް ގެންދެއެވެ.
މީގެ ސަބަބުން އެސައިންމަންޓް ގަނެވިއްކުން އިތުރުވެ، ޤާބިލް ނޫން ފަރާތްތަކަށް މަތީ ތަޢުލީމުގެ ސަނަދު ލިބިފައިވެ އެވެ. މި މައްސައްލަ އަށް ޙައްލެ2ް ހޯދުމަށްޓަކައި، އެމްކިޔުއޭ އިން ވަނީ މިހާރު އެކްރެޑިޓްކުރުމަށް ހުށަހަޅާ ކޯސްތަށް އެކްރެޑިޓްކުރުމުގައި، އައު އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް ކޮންޓްރޯލްޑް އެސެސްމަންޓް އިން 50 ޕަސަންޓް ޞިލުނުކޮށް، ފާސް ނުވާނެ ގޮތަށް ނިންމައިފަ އެވެ.
މަތީ ތަޢުލީމާއި ތަމްރީނުގެ ޤަވާޢިދުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ދަރިވަރުންގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމަކީ ޤާނޫނީ ކުށެކެވެ. އަދި އެފަދަ ޢަމަލުތަށް ހިންގާ ދަރިވަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން އެދަރިވަރަކު 5،000ރ. ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.