ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ ޑިސަނަޔަކަ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.
ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީ އަށް ޑިސަނަޔަކަ އަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ރާއްޖެ އާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
Heartfelt congratulations to President-elect Anura Kumara Dissanayake (@anuradisanayake) on your remarkable election victory today. As close neighbours, I am eager to work with you to further strengthen the historic friendship between the Maldives and Sri Lanka. Wishing you…
— Dr Mohamed Muizzu (@MMuizzu) September 22, 2024
ލަންކާ އިންތިހާބުގައި ދެވަނަ ފަހަރަށް ވޯޓު ގުނަން ޖެހުނީ ފުރަތަމަ ފަހަރަށް ވޯޓު ގުނައިގެން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ނުލިބުމާ ގުޅިގެންނެވެ. ފުރަތަމަ ފަހަރަށް ވޯޓު ގުނުމުން އެންމެ ގިނަ ވޯޓު ހޯއްދެވީ ޑިސަނަޔަކަ އާއި އެގައުމުގެ އިދިކޮޅު ލީޑަރު ސަޖިތް ޕްރަމަދާސަ އެވެ.
ލަންކާގައި ރިޔާސީ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދިޔައިރު، އާންމުންނަށް ވަނީ އެންމެ ކަމުދާ ތިން ކެންޑިޑޭޓުން ހިޔާރުކުރަން ފުރުސަތު ދީފަ އެވެ. އެގޮތުން ދެވަނަ ފަހަރަށް ވޯޓު ގުނިއިރު ބަލާފައިވަނީ އާންމުން ދެވަނަ އަދި ތިންވަނަ އަށް ޑިސަނަޔަކަ އަދި ސަޖިތު ހިޔާރުކޮށްފައިވާ މިންވަރަށެވެ.
ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިރޭ ހާމަކުރި ގޮތުގައި ދެވަނަ ފަހަރަށް ވޯޓު ގުނުމުން ޑިސަނަޔަކަ ވަނީ އިންތިހާބު ކާމިޔާބުކުރައްވާފަ އެވެ. ނަމަވެސް އޭނާ އަށް ލިބިވަޑައިގެންނެވި ވޯޓުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ލަންކާގެ ރައީސް ކަމުގެ ހުވާ ޑިސަނަޔަކަ މާދަމާ ކުރައްވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.