Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ގާޒާގެ ގަތުލްއާންމު ހުއްޓުވާނެ ހިތްވަރު ހުންނަން ޖެހޭ

މުސްތަގުބަލުގެ ޖީލުތަކުން އިލްތިމާސްކުރަނީ ފަލަސްތީނުގެ ގާޒާގައި ހިންގާ ޤަތުލު އާންމު ހުއްޓުވުމުގެ ހިތްވަރު ހުރި ދުނިޔެއަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ ގްލޯބަލް ސަމިޓް ފޯ ޗޭންޖްގައި މިރޭ ދެއްވި ތަގުރީރެއްގައި ރައީސް ވިދާޅުވީ އަދުގެ ޖީލުތަކުން ބޭނުންވަނީ ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދޭ ނިޒާމަކާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ހިތްވަރާއެކު ކުރިމަތިލާނެ ލީޑަރުންތަކެއް ކަމަށެވެ.

"ގާޒާގައި ހިނގަމުންދާ ގަތުލްއާއްމު ހުއްޓުވާނެ ހިތްވަރު. އދގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނުގެ ދައުލަތަށް ދޭނެ ހިތްވަރު. އިންސާނިއްޔަތާއި ހިލާފަށް އަމަލުކުރާ ފަރާތްތައް ޒިންމާކުރެވޭނެ ހިތްވަރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އދ.ގައި އެކި ކަންކަމަށް މަޝްވަރާކޮށް، ތަސައްވުރުތައް ހާމަކުރަމުންދާތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް، އެކަންކަން ހުރީ އަދިވެސް ހަޤީޤަތަކަށް ނުހެދި ކަމަށެވެ. އޭގެ ބަދަލުގައި މިއީ މަލްޓި ލެޓެރަލް ނިޒާމަކީ މަފުހޫމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ހަގީގަތަކަށް ހަދަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މުސްތަގުބަލުގެ ޖީލުތަކުން މިހާރުގެ ޖީލުތައް މިނެކިރާނީ ފަށާ މަސައްކަތަކުން ނޫން ކަމަށާއި، ނިންމައި ނެރޭ ނަތީޖާއަކުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސަމިޓްގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ ގޮތުން ވެވފައިހުރި އެއްބަސްވުންތަކަށް ޢަމަލުކުރުން އަވަސްކުރުމާއި، އަދި "ޕެކްޓް ފޮރ ދަ ފިއުޗަރ" މެދުވެރިކޮށް، އަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ. މީގެ އިތުރުން "ގްލޯބަލް ޑިޖިޓަލް ކޮމްޕެކްޓަކާއި ޑެކްލަރޭޝަން އޮން ފިއުޗާ ޖެނެރޭޝަންސް" ހިމެނޭހެން 21 ވަނަ ގަރުނުގެ ހަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް އެކުލަވާލުމަށް މި ސަމިޓްގައި މަސައްކަތްކުރާނެ އެވެ.

މި ސަމިޓްގައި ރައީސް ތަޤްރީރު ކުރެއްވުމުގެ އިތުރުން ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ޤައުމުތަކުގެ ވެރިންގެ ޚިޔާލާއި މަޝްވަރާގެ ބަހުސްތައް ހިނގާ، "ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ: ސްޓްރެންތެނިންގ އިންކްލޫސިވް އިނޮވޭޝަން އެންޑް ކޯޕަރޭޝަން ޓު ބްރިޖް ދަ ޑިޖިޓަލް ޑިވައިޑް" ސެޝަން ކޯ ޗެއާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.