މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރަށް ފިލްމުން ލިބެން ޖެހޭ ފީ ނުދީގެން އޭނަ އެ މައްސަލަ ޑިރެކްޓާސް އެސޯސިއޭޝަނަށް ހުށަހަޅައިފި އެވެ.
އެތަނުން މިހާރު ވަނީ އެ މައްސަލަ ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއަން ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) ގެ ސަމާލު ކަމަށް ގެނެސްފަ އެވެ.
އަލީ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ އާއި އޭނަގެ ދަރިފުޅު ޖެކީ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓަށް ހެދި "ބަޅޭ މިޔާ ޗޯޓޭ މިޔާ" ޑައިރެކްޓްކޮށްގެން ފީއަށް ލިބެން ޖެހޭ 7.30 ކްރޯޑް ރުޕީސް 874،540 ޑޮލަރު) ދީފައި ނުވާ ކަމަށެވެ.
އަލީ އެ މައްސަލަ ޑިރެކްޓާސް އެސޯސިއޭޝަނަށް ސިޓީއަކުން ހުށަހެޅީ ޖުލައި މަހުގެ 31 ގަ އެވެ. ސިޓީގައި އެދިފައި ވަނީ ފިލްމުން ލިބެން ޖެހޭ ފީ ނުލިބި ވަރަށް ބޮޑަށް ލަސްވަމުންދާތީ އެ ފައިސާ ޕްރޮޑިއުސަރުންގެ ފަރާތުން ވީހާ ވެސް އަވަހަކަށް ހޯދައި ދޭން މަސައްކަތްކޮށް ދިނުމަށެވެ.
މިކަމާ ގުޅިގެން އެފްޑަބްލިއުއައިސީއީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ އަށް ފޮނުވި ސިޓީއެއްގެ ރައްދުގައި ބުނެފައި ވަނީ އަލީ އަށް ފައިސާ ނުދޭ ކަމަށް ބުނާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
އެޕްރީލް 11 ގައި ރިލީޒްކުރި "ބަޅޭ މިޔާ ޗޯޓޭ މިޔާ" އަކީ ޕޫޖާ އެންޓަޓައިންމަންޓާއި އަލީގެ ފިލްމު އޭއޭޒެޑް ގުޅިގެން ގެނެސްދިން ފިލްމެކެވެ. އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފާއި މަނޫޝީ ޗިލާރްގެ އިތުރު އަލާޔާ ފަރްނީޗަރްވާލާ ލީޑް ރޯލު ކުޅުނު އެ ފިލްމަކީ އަލީ ލިޔެ، ޑައިރެކްޓްކުރި ސައިންސް ފިކްޝަން އެކްޝަން ފިލްމެކެވެ.
ޖުމްލަ 350 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ބަޅޭ މިޔާ ޗޯޓޭ މިޔާ" އަކީ ކުރި ހަރަދު ވެސް ފޫނުބެއްދި ފްލޮވި ފިލްމެކެވެ. އެއަށް ބޮކްސް އޮފީހުގައި ލިބުނީ އެންމެ 102.19 ކްރޯޑް ރުޕީސް (12.2 މިލިއަން ޑޮލަރު) އެވެ.
އަލީ އަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ ސަލްމާން ޚާންގެ "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ގެނެސްދިން ޑައިރެކްޓަރެވެ.