Last Updated: November 26, 13:34
Tuesday, November 26, 2024
މުނިފޫހިފިލުވުން

"އިސްތިރީ 2" އަށް މުޅިން އާ ރެކޯޑެއް

ބޮލީވުޑްގެ ފިލްމު "އިސްތިރީ 2" އަށް މުޅިން އާ ރެކޯޑެއް ލިބިއްޖެ އެވެ.

މީގެ ކުރިން އެއްވެސް ހިންދީ ފިލްމަކަށް ހޯދިފައި ނެތް މި ރެކޯޑަކީ އިންޑިއާ ބޮކްސް އޮފީހުގައި 600 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަށްވުމެވެ.

މިދިޔަ މަހުގެ 15 ގައި ރިލީޒްކުރި "އިސްތިރީ 2" އަށް އިއްޔެއާ ހަމައަށް އިންޑިއާގެ އެކި ހިސާބުތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 602.22 ކްރޯޑް ރުޕީސް (72.1 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.

އެންމެ 60 ކްރޯޑް ރުޕީސް (7.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީ މިހާރު 841.38 (100.8 މިލިއަން ޑޮލަރު) އަށް އަރަ އެވެ.

"އިސްތިރީ 2" އަށް ބެލުންތެރިންގެ މެދުގައި އޮތް ތަރުހީބު އަދިވެސް ކުޑަވަމުން ނުދާތީ، މި ފިލްމުގެ ވިޔަފާރި އަދިވެސް އޮތީ ކުރިއަށް ކަމަށް ބޮލީވުޑްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ މި ފިލްމަކީ އެ ސްޓޫޑިއޯ އިން 2018 ގައި ގެނެސްދިން ހޮރޯ-ކޮމެޑީ "އިސްތިރީ" ގެ ދެވަނަ ބައެވެ. ކުޑަ ބަޖެޓަކުން ހެދި އެ ފިލްމަކީ އެ އަހަރުގެ އެންމެ ހައިރާން ކުރުވަނިހި ހިޓެވެ. އަމަރު ކޯޝިކް ޑައިރެކްޓްކުރި ފިލްމު 25 ކްރޯޑް ރުޕީސް (3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އިރު، އާމްދަނީގެ ގޮތުގައި 180.76 ކްރޯޑް ރުޕީސް (22 މިލިއަން ޑޮލަރު) ލިބުނެވެ.

ހިންދީ ސިނަމާގައި މިހާރު އާ ބެންޗްމާކެއް ގާއިމުކުރި "އިސްތިރީ 2" އަކީ އެހާ މަޝްހޫރު ތަރިންތަކެއް ވެސް ހިމެނޭ ފިލްމެއް ނޫނެވެ. މީގެ ކާސްޓްގައި ހިމެނޭ އެންމެ މަޝްހޫރު މީހަކީ ބަތަލާ ޝްރަދާ ކަޕޫރެވެ. "އިސްތިރީ 2" ގެ މައިގަނޑު ކާސްޓްގައި ދެން ހިމެނެނީ ރާޖްޖުމާރު ރާއޯ އާއި ޕަންކަޖް ޓްރިޕާތީ އާއި އަޕަރްޝަކްތީ ކުރާނާގެ އިތުރުން އަބީޝެކް ބެނަޖީ އެވެ.

މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުމެއްގައި ހިމެނޭ ތަމަންނާ ބާޓިއާގެ ވަރަށް ހިތްގައިމު ނެށުންތަކެއް ފެނިގެން ދިޔަ ލަވަ "އާޖް ކީ ރާތު" އަކީ ވެސް "އިސްތިރީ 2" ގެ ޖާދޫގައި ގިނަ ބަޔަކ ޖެހުނު މުހިއްމު ސަބަބުތަކުގެ ތެރެއިން އެއް ސަބެބެވެ.