ފާއިތުވި އަހަރު ސަރުކާރާ ގުޅިގެން ރަށުގެ ތަރައްޤީއަށް ކޮށްދެއްވި ކަންކަމުގެ ތަފްސީލާ އެކު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ފޭދޫ ދާއިރާގެ ގޭގެ އަށް ސިޓީއެއް ފޮނުއްވައިފި އެވެެ.
ވެރިކަންކުރާ ޕީޕީއެމްގެ މެމްބަރު އިބްރާހީމްދީދީގެ ސިޓީގައި ވަނީ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ކެބިނެޓްގެ ވަޒީރުންނާ ގުޅިވަޑައިގެން ފާއިތުވި އަހަރު ފޭދު އަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކުރުވަން މަގުފަހި ކުރެއްވި ކަމަށާއި އަދި މި އަހަރު ވެސް ގިނަ ކަންތައްތަކެއް ކުރަން ރާވާފައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ފޭދޫ ސްކޫލްގެ ޖާގަ އިތުރު ކުރަން ބޭނުންވާ ބިމުގެ ބަދަލުގައި ދޭން ޖެހުނު ފައިސާ ހޯދުމާއި އައްޑު އަށް ޖަނަރޭޓަރު ހޯދުމާއި ފޭދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވުމާއި އައްޑޫން ގޭސް ލިބޭނެ ގޮތް ހަމަޖެއްސުމާއި ފޭދޫ ސިއްހީ މަރުކަޒުގެ ވޯޑްތައް އޭސީ ކުރުން ފަދަ ކަންކަމަކީ ފާއިތުވި އަހަރު އޭނާގެ މަސައްކަތުން ކޮށްދެއްްވި ކަންކަން ކަަމަށް ފޭދޫ ދާއިރާގެ ގޭގެ އަށް އިބްރާހިމްދީދީ ފޮނުއްވި ސިޓީގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ދުވަސްތަކުގަ އާއި ހަފުތާ ބަންދުތަކާ ގުޅުވައިގެން ޖުމްލަ 27 ފަހަރު ދާއިރާ އަށް ޒިޔާރަތްކޮށް، މުޅިއެކު 60 ދުވަސް ދާއިރާގެ ރައްޔިތުންނާ އެކު ހޭދަ ކުރެއްވި ކަން ވެސް އައިބީގެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ
"ރައްޔިތުންނަށް ސަރުކާރުގެ އެކިއެކި ދާއިރާތަކުން ބޭނުންވި ކަންކަން ހަމަޖައްސައިދިނުމަށް މަަަސައްކަތް ކުރި ނަމަވެސް ހުރިހާ ކަމެއް އަޅުގަނޑުމެން ބޭނުންވާ އަވަހަށް، ބޭނުންވާ ގޮތަށް ނުކޮށް ދެވިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ." އިބްރާހިމްދީދީ ސިޓީގައިވެ އެވެ.