އެކި ސަބަބުތަކާ ހުރެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ވެހިކަލްތައް ދޫކުރުމާ ގުޅޭ އައު އުސޫލުތަކެއް އެކުލަވާލައި އަމަލު ކުރަން ފަށައިފި އެވެ.
މި އުސޫލުތަކުގެ ދަށުން، އެކި ބާވަތުގެ ކުށްތަކާ ގުޅިގެންގެން ހިފެހެއްޓޭ ވެހިކަލްތައް ދޫކުރެވޭނެ މުއްދަތުތައް ކަނޑައަޅާފައިވެ އެވެ.
އައު އުސޫލުތަކުގެ ދަށުން، ދުވެލީގެ މިންގަނޑާ ޚިލާފަށް ދެ ފަހަރަށް ވުރެ ގިނައިން ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ އުޅަނދުތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތެއް ހަމަވުމުންނެވެ. ނަމަވެސް، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ ވެހިކަލްތައް ދޫކުރެވޭނީ 30 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ހިފެހެއްޓޭ ވެހިކަލްތަކާއި، އަސްލު ގެއްލޭ ގޮތަށް ބަދަލު ގެނެސްގެން ދުއްވާ ވެހިކަލްތައް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ދޫކުރާނީ 48 ގަޑިއިރު ހަމަވުމުންނެވެ.
މީގެ އިތުރުން، ރަޖިސްޓްރީ ނަންބަރާ ގުޅޭ މައްސަލަތަކުގައި ހިފެހެއްޓޭ ވެހިކަލްތަކާއި، އިންޖީނު އަދި ޗެސިސް ނަންބަރަށް ބަދަލު ގެނެސްގެން ދުއްވާ ވެހިކަލްތަކާ ގުޅޭ ޚާއްޞަ އުސޫލުތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. އަދި އެކްސިޑެންޓުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ވެހިކަލްތައް ދޫކުރެވޭނީ ތަޙުޤީޤު ނިމުމަށް ފަހު 7 ދުވަހުގެ ތެރޭގައެވެ.
އާ އުސޫލުތަކު މަގުސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، ޤާނޫނާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމެވެ.