މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގައި މިފްކޯ އިން ބައިވެރިވެއްޖެ އެވެ.
މިފްކޯ އިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން މިފްކޯއިން މިއަދު އެޗްޑީސީގެ ބެލުމުގެ ދަށުން މާލެ އަތޮޅުގައި ހިންގަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑަށް 500 ގަސް ހަދިޔާކޮށްފައިވާ ކަމަށެވެ.
މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޔޫއޭއީގައި އޮތް "ކޮޕް28" ގަ އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މާލޭގެ އިތުރުން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
ގަސް އިންދުމުގެ ބިޔަ ޕްރޮގްރާމްގައި އިސްކަން ދޭނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާ ކަމަށް 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، ޕްރޮގްރާމްގައި އެ ބާވަތުގެ ގަސްތައް އިންދާނެ އެވެ.