Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ޑިޖިޓަލް ދުނިޔެއެއް ބިނާކުރަން ރާއްޖޭގެ އެހީ ލިބޭނެ

ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމަށް ރާއްޖޭގެ އެހީތެރިކަން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަރ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ"ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން، ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޝާމިލު މުސްތަޤުބަލެއް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އިންޤިލާބުގެ ބޭނުން ހިފުން މުހިއްމު ކަމަށާއި ޝާމިލު، ވިލުންތެރި އަދި ޢަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުންކަމަށާ، އެކަމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީ އާއި ޢަދުލުއިންޞާފަށް ހުރަސް އެޅޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއްވެސް މީހަކު ބާކީ ނުވާނެކަން ކަށަވަރު ކުރެވޭނޭ ފަދަ ސިޔާސަތުތަކެއް އެކުލަވާލުމަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި، މިކަމަށް މަގުފަހިވާނެ މައިގަނޑު 3 ކަމެއް ވަނީ ހުށަހަޅުއްވާފަ އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރި ކުރުވުމެވެ. އެގޮތުން ޑިޖިޓަލް އިޤްތިޞާދީ ވެއްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ޙަރަކާތްތަކެއް ފެށުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ. އަދި ދޭސީ އީޖާދުތަކަށް ބާރުދީ، އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމެވެ. އެގޮތުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެޖެންޑާ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ އަމާޒުތައް ޙާސިލުކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން މިހާރުވެސް މި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ޙައްޤުތައް ރައްކާތެރިކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ، ހުއްދަ ނެތި އެކްސެސްވެވުމާއި ޑޭޓާ ޕްރައިވެސީ ނުވަތަ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދީ، ޑިޖިޓަލް ވެއްޓެއްގައި، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.