އެކި ދާއިރާތަކުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް-ސަޢޫދް ވިދާޅުވެއްޖެ އެވެ.
ސައުދީގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ރާއްޖޭގެ ތަރައްޤީއަށް ސަޢޫދީން މެދުކެނޑުމެއް ނެތި ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ފިސްކަލް ރިފޯމާއި ތަޢުލީމާއި ޞިއްހަތާއި އިޤްތިޞާދީ ތަރައްޤީއާ އަދި ޙައްޖުގެ އަޅުކަމާގުޅޭ ކަންކަން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ރައީސް ފާހަގަކުރެއްވި އެވެ.
ސައުދީގެ ފޮރިން މިނިސްޓަރު ވަނީ އެޤައުމުގެ ސަރުކާރުން އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން ދެ ބޭފުޅުން ވެސް ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.