އައްޑޫ ހަންކެޑެގައި ހަދާފައިވާ އާ ބްރިޖް އާންމުކޮށް ހުޅުވައިލެވޭނެ އިރެއް މިހާރު ސާފު ނުވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކުރިން އެ ބްރިޖް އާންމުކޮށް ހުޅުވައިލަން ނިންމީ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެކަން މި މަހަށް ފަސްކުރި އެވެ. އެގޮތުން ފަހުން ވާހަކަ ދެކެވުނީ މި މަހުގެ 20 ގައި ބްރިޖް އާންމުކޮށް ހުޅުވައިލުމަށެވެ.
މަސައްކަތުގެ ވަރަށް ބޮޑު ބައި ނިމިފައިވާ މި ބްރިޖް މިދިޔަ މަހުގެ ތެރޭގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވި ދަތުރުގެ ތެރޭގައި އައްޑު އަށް ވަޑައިގެން އިފުތިތާހު ވެސް ކޮށް ދެއްވި އެވެ. މި ބްރިޖަކީ އިންޑިއާ ސަަރުކާރުގެ އެހީގައި ހަދާފައިވާ ބްރިޖެކެވެ.
އެގޮތުން އައްޑޫގެ މަގުތައް އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ބްރިޖްގެ މަސައްކަތް ވެސް ކުރަނީ އެ ގައުުމުގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިންނެވެ.
ހަންކެޑެއިގައި އާ ބްރިޖެއް ހެދީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ނިންމާފައިވާތީ އައްޑޫ ލިންކް ރޯޑްގެ ބައެއް އެ ރަށުގެ ތެރެއިން އޮންނާތީ އެވެ.
އާ ބްރިޖް ހަދާފައި ވަނީ ހަންކެޑެއާ ގުޅިފައި އޮތް ގައުކެނޑި އޮންނަ ފެށިގެން މަރަދޫގެ ބޮޑުމަގާ ގުޅޭ ގޮތަށެވެ. ގާތްގަނޑަކަށް 1.4 ކިލޯމީޓަރު ދިގު އަދި ހަތަރު ލޭން ހިމެނޭ އާ ބްރިޖްގެ މަސައްކަތް ފެށީ 2021 ގަ އެވެ.
ކައުންސިލުން ބުނީ ބްރިޖްގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ނިމިފައި ހުރި ނަމަވެސް އާންމުކޮށް ބްރިޖް ހުޅުވާނުލެވިގެން ކުރަން ހުރި ކުދިކުދި ބައެއް މަސައްކަތްތައް އެފްކޮންސް އަށް ނިންމައި ނުލެވި ލަސްވެގެން ކަމަށެވެ. އޭގެ ތެރޭގައި ބްރިޖް ދަށަށް އަޅާފައި ހުރި ވެލިތައް ނެގުމާއި ޕެއިންޓިން މަސައްކަތްތަކާއި ރެއިލިން މަސައްކަތްތައް ހިމެނެ އެވެ.
އެހެންވެ މިހާރު ބްރިޖް އާންމުކޮށް ހުޅުވައިލެވޭނެ ސީދާ ވަކި ތާރީހެއް އެފްކޮންސް އިން ދީފައި ނުވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އިންނެވެ. މިއީ ގާތްގަނޑަކަށް 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. ޖުމްލަ 1،041 ކޮޓަރި ތަރައްގީ ކުރަން ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތްތައް ފެށުމުގެ ގޮތުން ހަންކެޑެ ސާފު ކުރުމުގެ މަސައްކަތްތައްކެއް މިހާރު އަންނަނީ ކުރަމުންނެވެ.
ހަންކެޑެ ޓޫރިޒަމް ޕްރޮޖެކްޓް މި ސަރުކާރުން އިފުތިތާހުކުރީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.