ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އާންމުން ރައްޔިތުންނަށް އެއްވެސް ކަމެއްގައި އިސްކަން ނުދޭ ކަމަށާއި އިސްކަން ދޭނީ ޕާޓީގެ މެމްބަރުންނަށް އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ މަރަދޫ ދާއިދާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި އޭނަ ވިދާޅުވީ ޕީއެންސީން މަސައްކަތް ކުރަނީ އެ ޕާޓީއާ އިދިކޮޅު ފިކުރުގެ މީހުން ލައްވައި ސަލާން ޖަހުވަން ކަމަށާއި ސަރުކާރު ވަޒީފާތަކުގައި އުޅޭ މީހުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެތައް ބަޔަކު ލޯނުތައް ނުދެއްކި، އެހެން މީހުން ގާތުގައި ފައިސާ އަށް ސަލާންޖަހަން ޖެހިފައިވާ ކަމަށެވެ.
"މި ބޭފުޅުންގެ ބޭނުމަކީ ހަމަ ރައްޔިތުން ސަލާން ޖެހުވުން. އެއީ މި ބޭފުޅުންނާ އިދިކޮޅު ފިކުރުގެ ބައެއް ކަމަށްވެއްޖިއްޔާ އަމުދުން އެ ގޮތަށް އެ މަސައްކަތް ކުރަމުން ގެންދަނީ،" އަހުމަދުދީދީ ވިދާޅުވި އެވެ. "ހަގީގަތުގައި ރައްޔިތުން ބިކަކޮށް، މި ބޭފުޅުންނަށް ރައްޔިތުން ޑިޕެންޑް ކުރުވުމަކީ އެންމެ ބޮޑު މަގުސަދު ކަމަށް އަޅުގަނޑުމެންނަށް ހަމަ ފާހަގަ ކުރެވެނީ."
އޭނަ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުތަކުގެ މުވައްޒަފުންނަކީ ވެސް ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރުމަކީ ގާނޫނުން ލިބިދީފައި އޮންނަ ހައްގެއް ކަމަށެވެ.
"ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އަޅުގަނޑުމެން ކެމްޕޭނުގައި އުޅުނު ދުވަސްވަރު އެކި ރަށްރަށަށް ދާއިރު ވަރަށް ގިނައިން އަންނަ ޝަކުވާއެއް، މި ވެނި ބޭފުޅަކީ ޕީއެންސީ ބޭފުޅެކޭ، ކީއްވެގެންހޭ ވަޒީފާގައި މި އިންނަނީ،" އަހުމަދުދީދީ ވިދާޅުވި އެވެ. "އެމްޑީޕީ އަކީ އަބަދު ވެސް ރައްޔިތުންނާ ދޭތެރޭ ވިސްނާ ޕާޓީއެއް" ދީދީ ވިދާޅުވިއެވެ.