ފަލަސްތީނުގެ ހައްގުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަނީ ނަމޫނާ މަސައްކަތެއް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސް މުއިއްޒު އިއްޔެ ވަނީ ފަލަސްތީނުގެ ރައީސް މަހުމޫދް އައްބާސްއާ ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުމާއި ގުޅިގެން އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ދުނިޔޭގެ ހަގީގީ އެހީތެރިކަން ބޭނުންވެފައިވާ ފަލަސްތީނުގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްފުޅަކީ މުޅި އިސްލާމީ އުންމަތުގެ ހައްގުގައި ކުރައްވާ އަދި މުޅި އިންސާނިއްޔަތަށް ނަމުނާ މަސައްކަތްޕުޅެއް ކަމަށެވެ.
ފަލަސްތީނުގެ ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަނީ އިންސާނުންނަށް ވީތީކަމަށް ވިދާޅުވެ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވަރުގަދަ މެސެޖެއް ދެއްވާފަ އެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ވެސް ރައީސް ވަނީ ގޮވާލައްވާފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި، ދެވެން އޮތް ހުރިހާ ގޮތަކުން ރާއްޖެއިން ފަލަސްޠީނަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ކަށަވަރު ވެގެންދިއުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެ، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.