ވޭޕްކުރުމުގެ ނުރަނގަޅު އާދައާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް ސްކޫލުތަކުގެ އިސްވެރީންނާއި ޕީޓީއޭއާ އެކު ސިލްސިލާ ބައްދަލުވުންތަކެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
މާލޭ ސަރަޙައްދުގެ ސްކޫލުތަކުގެ އިސްވެރީންނާއި ޕީޓީއޭ އަށް ޚާއްޞަކޮށްގެން ސީއެޗްއެސްއީ މާލޭގައި ރޭ ބޭއްވި މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ސްކޫލު އުމުރުފުރައިގެ ދަރިވަރުން ވޭޕްކުރުމުން ދުރުކުރުމަށް ސްކޫލާއި ބެލެނިވެރިން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވި ބޭފުޅުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު، ސްކޫލް ސޭފްޓީ އެންޑް ހެލްތް ޑިވިޜަންގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒަ އަދި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރއެއް ކަމަށްވާ ޑރ. މުޙައްމަދު ޢަލީ ހިމެނެ އެވެ.
މި ސިލްސިލާގެ ބައްދަލުވުންތައް ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މި ބައްދަލުވުންތައް ކުރިއަށްދާނީ އޮންލައިންކޮށް ކަމަށް މިނިސްޓްރީން ބުނެ އެވެ.