Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

ރައީސްގެ ތަގުރީރާ މެދު ފަހުރުވެރިވޭ: ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

އދގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރާ މެދު ފަހުރުވެރިވާ ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނެފި އެވެ.

ރައީސްގެ ތަގުރީރުގައި ވަނީ ގިނަ ދުނިޔޭގެ މައްސަލަތަކަކަށް އަލިއަޅުވާލާފަ އެވެ. އެގޮތުން އިޒްރޭލުން ހިންގަނީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށާއި އެ ކަންކަމަށް އެގައުމު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ތަގުރީރާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އެ ތަޤުރީރާމެދު ފަހުރުވެރިވާ ކަމަށާއި އެ ތަޤުރީރަކީ ރާއްޖެއާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންފުޅާއި، ގެންގުޅުއްވާ ވަށާޖެހޭ ތަޞައްވުރާއި، ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ބޮޑެތި ކަންކަމާއި، މިހާރުން މިހާރަށް ގެންނަންޖެހިފައި ހުރި ނިޒާމީ ބޮޑެތި އިޞްލާޙުތަކަށް އަލިއަޅުވައިލައްވާފައިވާ ވަރަށް ޝާމިލު ތަޤުރީރެއް ކަމަށެވެ.

"އެމަނިކުފާނު ދެއްވި ތަޤުރީރަކީ ދިވެހިރާއްޖެއަކީ ކުޑަ ނަމަވެސް ބައިނަލްއަޤުވާމީ މަސްރަޙުގައި ހަމައިސްކޮޅަށް ދެމިލައި، ޙައްޤު ބަސްބުނެ ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއްކަން ސާބިތުކޮށްދެއްވި ތަޤުރީރެކެވެ،" އެ ބަޔާނުގައިވެ އެވެ.

ޕީއެންސީން ބުނީ ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ ތާރީޚީ މުނާސަބާ އިހުތިފާލުކުރާ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފުން ޖާގަ ކަށަވަރުވެފައިވާ ޤައުމަކަށް ހެދުމަށް ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރައްވައި، ޑިޖިޓަލް ކުރިއެރުން ކަށަވަރުކޮށްދެއްވައި، ޒަމާނީ ޓެކްނޮލޮޖީގެ ފަހިކަން ދިވެހިންނަށް ލިބޭނެ ސިޔާސަތުތަކެއް ބައްޓަންކުރައްވާނެކަން ރައީސް ރޭ އިއުލާނުކުރެއްވުމަކީ މިއަދުގެ ޒުވާނުންނާއި އަންނާން އޮތް ޖީލުތަކަށް އެމަނިކުފާނު ދެއްވި އުފާވެރި ޚަބަރެއް ކަމަށެވެ.

މީގެއިތުރުން މުޅި އިސްލާމީ އުންމަތް އެކަމެއްގެ ގިލަންވެރިކަން އިހުސާސްކުރަމުންދާ ފަލަސްޠީނު މައްސަލާގައި ސާފު ޞަރީޙަކޮށް އިސްރާއީލުން ހިންގަމުންދަނީ ޓެރަރިޒަމުގެ ޢަމަލުތަކެއްކަން ފާހަގަކުރައްވައި، އެ ޖަރީމާތައް ތަފުސީލުކޮށް ބަޔާންކޮށްދެއްވުމާއެކު، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދގެ މުޢާހަދާތަކާ ޚިލާފު އެ ޢަމަލުތަކާމެދު އިސްރާއީލު ޖަވާބުދާރީ ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހަރު އަޑުން ގޮވައިލެއްވުމަކީ ކޮންމެ ދިވެހި ދަރިއަކުމެ އެމަނިކުފާނާމެދު ފަޚުރުވެރިވާނެ ފަދަ ހިތްވަރުގަދަ ޢަމަލުފުޅެއް ކަމަށްވެސް ބުނެފައިވެ އެވެ.