އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓްގެ އަގަަށް މާޗް މަހުން ފެށިގެން ގެނައި ބަދަލާ ގުޅިގެން، އެ މައްސަލަ އަށް ހައްލެއް ލިބެން ދެން އައްޑޫގެ ވިޔަފާރި ކުރާ ތަންތަން ބަންދު ކުރާ ގަޑި އަވަސް ކުރުމާއި މުދަލުގެ އަގު ބޮޑު ކުރުމާއި މެދު ވިޔަފާރިވެރިންގެ ޚިޔާލު ހޯދުމަށް ރޭ ނެގި ވޯޓުގައި ހުޅުމީދޫގެ ވިޔަފާރިވެރިން ބައިވެރި ނުކޮށް ނަތީޖާ އިއުލާން ކުރުމާއި ގުޅިގެން ހުޅުމީދޫގެ ވިޔަފާރިވެރިން ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ.
ހުޅުމީދޫގެ ވިޔަފާރިވެރިއަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނިގޮތުގައި ހުޅުމީދޫގެ ވިޔަފާރިވެރިންނަށް ވޯޓު ލުމުގެ ފުރުސަތު ނުދީ ނަތީޖާ އިއުލާން ކުރުމަކީ ކައުންސިލުން ހުޅުމީދޫ އަކީ ބޭކާރު ތަނެއްގެ ގޮތުގައި ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށެވެ.
" މިރަށުގައި ވިޔަފާރި ކިތަންމެ މަދު ކަމުގައި ވިޔަސް، އަޅުގަނޑުމެންނަށް ވެސް ދޭން ޖެހޭނެ ބަސް ބުނުމުގެ ހައްޤު. އެމީހުން ވޯޓް ގުނައި ނިންމާފައި މި ބުނަނީ އަދި ފަހުން އޮންނާނޭ ހުޅުމީދޫގަ ވޯޓު ލުން. ބައްކައްކާ ނޫންތޯ އެ ކުޅެނީ . ކައުންސިލުން ޤަބޫލެއް ނުކުރޭ މިއީ އޮތްތަނެއް ކަމުގައި " ، ވިޔަފާރިވެރިޔަކު ބުންޏެވެ.
ސޯޝަލް މީޑިޔާގައި ވެސް ރޭ ކައުންސިލުން އިންތިޒާމްކޮށްގެން ނެގި ވޯޓަށް ފާޑުކިޔާފައި ވާއިރު ގިނަ ބަޔަކު އެ ވޯޓު ސިފަކޮށްފައިވަނީ ކައުންސިލުން ކުޅުނު ސިޔާސީ ކުޅިވަރެއްގެ ގޮތުގައެވެ.
ރޭ ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ވޯޓް ލުމުގައި ބައިވެރިވެފައިވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ވިޔަފާރިވެރިން އެކަންޏެވެ. ހިތަދު އާއި މަރަދޫގެ އިތުރުން މަރަދޫފޭދޫ އަދި ފޭދޫގެ ވިޔަފާވެރިން ބައިވެރިވެގެން ނެގި = ވޯޓްގައި ބައިވެރިވި ވިޔަފާވެރިންގެ އިއްތިފާޤުން ތާއީދު ލިބިފައިވަނީ ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިއަކީ ހެނދުނު 6:00 އިން އިރު އޮއްސި 6:00 އަށް ހަމަޖެއްސުމަށެވެ.
އެގޮތަށް ވޯޓް ދީފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 145 ވިޔަފާވެރިންގެ ތެރެއިން 135 ވިޔަފާވެރިންނެވެ.
އެ ވޯޓްގައިގައި ބުނާގޮތުން ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތައް ރޭގަނޑު 11:00 އާއި ހެނދުނު 6:00 ދެމެދު ނުހުޅުވާނެ ކަމަށާއި ވޯކްޝޮޕް، ގަރާޖް އަދި ވަޑާންގެތައް އިރުއޮއްސި 6:00 އާއި ހެނދުނު 6:00 އާ ދެމެދު ނުހުޅުވާނެ އެވެ. އަދި ޕެޓްރޯލް ޝެޑްތައް ރޭގަނޑު 9:00 އާއި ހެނދުނު 6:00 ދެމެދު ނުހުޅުވާ ގޮތަށް އެ ވޯޯޓްގައި ވަނީ ހިމަނައިފަ އެވެ.
ރޭ ނެގި ދެވަނަ ވޯޓްގައި ވިޔަފާވެރިން ވަނީ އެ މީހުންނަށް ދިމާވެފައިވާ މައްސަލަ ހައްލު ވަންދެން ފިނިކުރި ކާބޯތަކެތި މިހާރު ވިއްކަމުންދާ އަގަށް ވުރެ 30 ޕަސެންޓް އަދި އެހެނިހެން މުދަލުން 5 ޕަސެންޓް ބޮޑު ކުރަން ފެންނަ ކަމަށް ވެސް ވޯޓް ދީފައެވެ. އެގޮތަށް ފެންނަ ކަމަށް ވޯޓް ދިނީ ބައްދަލުވުމުގައި ބައިވެރިވި 145 ވިޔަފާވެރިންގެ ތެރެއިން 111 ފަރާތެކެވެ. ނުފެންނަ ކަމަށް ވޯޓް ދިނީ 33 ވިޔަފާރިވެރިންނެވެ.